އަންނަ އާދީއްތަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ 134 ސުކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސުކޫލުގެ ކިޔެވުންފެށޭއިރު 213 ސުކޫލުގެ ތެރެއިން 134 ސުކޫލެއް އެއްދަންފަޅިއަށް ކިޔަވާނެ ކަމަށާއި އެހެން ސުކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އަދި އެއްދަންފަޅިއަށް ބަދަލު ނުކޮށް ހުރި 79 ސުކޫލު އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި މިހާރު އޮޑިޓް ކުރަމުންދާކަމަށާއި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.