ޕީޖީ އައިޝަތު ބިޝާމް

ޖިނާއީ މައްސަލަތަކުގައި ޕީޖީ އަމަލުކުރަންޖެހޭ ސިޔާސަތުތައް ކަނޑައަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ޖިނާއީ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް އަމަލު ކުރަން ޖެހޭ ސިޔާސަތުތައް ބަންޑާރަނައިބު ކަނޑައަޅުއްވައި ޕްރޮސެކިއުޓާ ޖެނެރަލު އައިޝަތު ބިސާމަށް އަންގަވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕީޖީއަށް ލިިބިދޭ ބާރުގެ ދަށުން އިސްކަން ދޭންވާނީ މައްސަލަތަކެއް ކަނޑައެޅުމަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި، އެ ބާރުތައް ވަކި ފަރާތަކަށް ބުރެ ވުމަކާއި ނުލައި ކަމަށެވެ.

އަދި އެއީ މިނިވަންކަމާއެކު ކަން ކަށަވަރު ކުރުމަށްޓަކައި ޕީޖީ އަމަލު ކުރައްވަންވީ އުސޫލުތަކެއް ބަޔާން ކުރުމަށް އެކުލަވާލި ސިޔާސަތުތަކެއް ކަމަށް ބަޔާނުގައި ވެއެވެ.

އެ ސިޔާސަތުގައި ވަނީ ޕީޖީ މައްސަލައެއްގައި ދައުވާ ކުރަން ނިންމަވާ ނަމަ ނުވަތަ މުރާޖާކުރައްވަން ނިންމަވާނަމަ ނުވަތަ މައްސަލައެއްގައި ދައުވާ ނުކުރައްވަން ނިންމަވާނަމަ ރިއާޔަތްކުރައްވަންޖެހޭ ކަންތައްތަކެއް ހިމަނާފައި ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އެ ސިޔާސަތުތައް އެކުލަވާލީ ބަންދުގައި މީހުން ބައިތިއްބާ ހާލަތާއި ބަންދުގައި މީހުން ބައިތިއްބާނެ ޝަރުތުތައް މުރާޖާކުރެއްވުމުގެ މަސްއޫލިއްޔަތާއި، ގާނޫނީ އިދާރާތަކުން ތަހުގީގު ހިންގާތޯ ބެލުމަށް ޕީޖީއަށް ލިބިފައިވާ މަސްއޫލިއްޔަތު ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް ބާރު އެޅުމަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ ސިޔާސަތުގެ ދަށުން ކުޑަކުދިންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭ އިރު، އެކުދިންގެ މަސްލަހަތައް އެންމެ އިސްކަން ދެވޭ އުސޫލަކުން އެކުދިން އަނބުރާ މުޖުތަމައުއަށް ވެއްދޭނެ ގޮތެއް ބައްޓަންކުރެވިގެންވާ ނިޒާމެއްގެ ތެރެއިން އެކުދިންނާ މެދު ކަންކުރެވުމަށް ބާރު އެޅުމަށް ބުނެފައިވެއެވެ.

މިއަދު އާންމު ކުރި ސިޔާސަތުތަކާ އެކު 2008 ވަނަ އަހަރު އާންމު ކުރި ސިޔާސަތުތައް އުވިފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު އެބަޔާނުގައި ވަނީ ބުނެފައެވެ.