"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ޕަބްލިކް އެންޓަޕްރައިސް އޮފް ދަ އިޔަރ އެވޯޑު ދިރާގަށް ލިބިއްޖެއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގައި ދިރާގާ އެ އެވޯޑު ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީއާއެކު މުވާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ދިރާގު ދިވެހިންގެ ހިދުމަތުގައި ހަރަކާތްތެރިވާތާ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ވަނީ 30 އަހަރު ވެފައެވެ. އެ ދިގު ތާރީހުގައި ދިރާގުން ވަނީ މުވާސަލާތީ ދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ބްލޭޒަން އިންކްއިން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގައި ތަފާތު ތިން ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް އެވޯޑާއި އެންޓަޕްރައިސް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018ގައި އިންޑަސްޓްރީ އެކްސެލެންސް އެވޯޑް 12 ފަރާތަކަށް ލިބިފައިވާ އިރު، އެންޓަޕްރައިސް އެކްސެލެންސް އެވޯޑް ފަސް ފަރާތަކަށް ވަނީ ލިބިފައެވެ. އެ އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފައުންޑަރ އަދި ވިލާ ގްރޫޕްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ ގާސިމް އިބްރާހީމަށެވެ.