ދިވެހީންގެ ތެރޭގައި މަގުބޫލު، އަދި ގިނަ ބަޔަކު އިންތިޒާރުކުރާ، ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހުވެސް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.
ދިރާގުން މިއަދު ބުނީ އެ ކުންފުނީގެ ޓީމުތަކުން އަންނަނީ މަގުމައްޗަށް ނުކުމެ، ދިރާގު ތަށިބަރިތައް އާންމުންގެ ގިނަ ފަރާތްތަކަކަށް ހަދިޔާކުރަމުން ކަމަށެވެ. އޭގެ ތެރޭގައި އެކި އުމުރުފުރާތަކުގެ މީހުން ހިމެނޭ ކަމަށް ބުންޏެވެ.
ދިރާގުން ބުނީ، އެ ތަށިބަރިތައް ލިބޭ ފަރާތްތަކުން އަންނަނީ މި އާދަކާދަ ދަމަހައްޓައި އެ ތަށިބަރިތައް އެހެން ފަރާތްތަކަށް ފޯރިއާއެކު ހަދިޔާކުރަމުން ކަމަށެވެ.
ދިރާގުން 2017 ގައި ތަށިބަރު މޫވްމަންޓް ފެށީ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައެވެ. މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެގެން ގޮސްފައިވަނީ ދިވެހީންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލައި ރޯދަ މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށެވެ.
އެހެން ކުންފުނިތަކާއި އޮފީސްތަކުންވެސް އަންނަނީ ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ، އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.