ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ އާއި ސެލްޓަވިގޯ ބައްދަލުކުރި މެޗުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ތާރީހު ދައްކާލައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސްޕެނިޝް ލީގުގައި ވާދަކުރާ ސެލްޓާ ވީގޯއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާއިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މިރޭ ކުޅުނު މެޗު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައެވެ.
އެގޮތުން ސެލްޓަވިގޯގެ ސްޓޭޑިއަމުގައި މިރޭ ކުޅުނު އެ މެޗުގައި ވަނީ، ކޮންމެ ލަލީގާ މެޗެއް ފެށުމުގެ ކުރިން ދަނޑުގެ ސެންޓަ ސާކަލްގައި އެ މެޗެއްގެ ކުރިން އޮންނަ އެޑްވަޓައިޒްމަންޓުގެ ފުރުސަތަކާއެކު ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ސެންޓަ ސާކަލްގައި ވިޒިޓް މޯލްޑިވްސް ރަމްޒުކޮށްދޭ ފޮތިގަނޑެއް ދައްކާލައިފައެވެ. އެ ފޮތިގަނޑުގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ތާރީހު ވެސް ފެނިގެންދިޔައެވެ. އޭގެ އިތުރުން ދަނޑުގެ ވަށައިގެން ޖަހާފައިވާ ބޯޑުތަކުން ވެސް އެ އިސްތިހާރުތައް ފެނިގެންދިޔައެވެ.
ފަންސާސް މިލިއަނަށްވުރެ ގިނަ މީހުން ބެލި އެ މެޗުގައި ސެލްޓަ އިން ވަނީ 2-2ގެ ނަތީޖާއަކުން ވަރުގަދަ ބާސާ ހިފަހައްޓައިފައެވެ. އެ ނަތީޖާއާ ގުޅިގެން ލީގު ޗެމްޕިއަންކަން ހޯދުމަށް ބާސާއަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.
އެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ހޯދައިފައެވެ. ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ނެގި ކޯނަރެއް ލުއިސް ސުއަރޭޒް ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް އެބޯޅަ އަމާޒުވީ ސެލްޓާގެ ގޯލުގެ ދަނޑިއަށެވެ.
ބާސާ އިން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގެ ތެރޭގައެވެ. އެ ލަނޑަކީ ސެލްޓާ އިން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި ސުއަރޭޒް ބޮލުން ފޮނުވާލި ގޯލެކެވެ. ހިލޭ ޖެހުން ފޮނުވާލީ މެސީއެވެ. އެ ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބާސާއަށް ލިބުނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސެލްޓާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ފޯވާޑް ފެޑޯ ސްމޮލޮވްއެވެ. އެ ލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވެ ބާސާ އިން ވަނީ އަނެއްކާވެސް މެޗުގެ ލީޑް ނަގައިފައެވެ. އެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސުއަރޭޒެވެ.
ބާސާ ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް، ސެލްޓާއަށް ނަތީޖާ ހަމަހަމަކޮށްދީ ޕޮއިންޓެއް ކަށަވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިއާގޯ އަސްޕާސްއެވެ. މި ނަތީޖާއާއެކު 32 މެޗުން ލިބުނު 69 ޕޮއިންޓާއެކު އަނެއްކާވެސް ބާސާ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ރެއާލް މެޑްރިޑް އެއް މެޗު މަދުން ކުޅެގެން އޮތީ 68 ޕޮއިންޓާއެކު ދެވަނައިގައެވެ. އެހެންކަމުން މާދަމާ ރޭ އެސްޕާނިޔޯލް އަތުން ރެއާލް މޮޅުވެއްޖެ ނަމަ ބާސާ އަނެއްކާވެސް ދެވަނައަށް ވެއްޓޭނެއެވެ.
މެޗަށްފަހު ވެސް ރާއްޖޭގެ އިސްތިހާރެއް ގެނެސްދިނެވެ. މި އިސްތިހާރަކީ ރާއްޖެއަށް އަނެއްކާވެސް އަވިގަދަ އިރަކަށް އަލިވިލޭނެ ކަމަށް ބުނެ ސެލްޓާގެ މަގުބޫލު ކުޅުންތެރިން ބޭނުންކޮށްގެން ހަދާފައިވާ ކުރު ވީޑިއޯކޮޅުތަކަކުން ހަދާފައިވާ އިސްތިހާރެކެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަށް ވެސް ވަނީ ނިންމައިފައެވެ. ރާއްޖޭގެ ބޯޑަރު ތިން މަހެއްހާ ދުވަހަށްފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ފަތުރުވެރިންނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފައެވެ.