ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ އާއި ސެލްޓަވިގޯ ބައްދަލުކުރާ މެޗުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ބާސެލޯނާ އާއި ސެލްޓަވިގޯ މެޗު ފެށުމުގެ ކުރިން ގެނެސްދޭ އިސްތިހާރުގެ ވަގުތުކޮޅުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ އިސްތިހާރު ފެނިގެންދާނެ ކަމަށެވެ.
މިމަހުގެ 25 ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ބާސާ އާއި ސެލްޓަވިގޯ ކުޅޭ މެޗު ފެށުމުގެ ކުރިން ގެނެސްދޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާއްސަ އިސްތިހާރު އެތައް މިލިއަން މީހުންނަށް ފެނިގެންދާނެ ކަމަށެވެ.
"ލަލީގާގެ މެޗުތަކުގައި ސެންޓަ ސާކަލްގައި، އެ މެޗެއްގެ ކުރިން އެ އޮންނަ އެޑްވަޓައިޒްމަންޓް ފުރުސަތު ލިބޭ. ސެލްޓަވިގޯ އިން މިހާރު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށްޓަކައި އަދި ރާއްޖޭގެ ބޯޑާ އޯޕަނިންއަށް ހާއްސަކޮށް މިލިއަންސް އޮފް ޓޫވީ ވިއުއާސްއަށް މެޗު ފެށުމުގެ ކުރިން އެ އަންނަ ވަގުތު ދިވެހިރާއްޖެއަށް ހާއްސަކޮށްދީފައި. އެނގިވަޑައިގަންނަވާނެ އެއީ ލިއޮނެލް މެސީ އާއި ބާސެލޯނާގެ ވިއުއާސްއަށް ބެލިޔަސް ދުނިޔޭގެ އެތައް މިލިއަން މީހުން ބަލާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަވިގޯ އިން ވަނީ ރާއްޖެ އިސްތިހާރުކުރުމަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން އިސްތިހާރުކުރުމަށް ރާއްޖެއިން އަހަރަކު 900،000 ޑޮލަރު ހަރަދުކުރާނެއެވެ. އެ އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގެ ދަށުން ސެލްޓާގެ ޖާޒީތަކުގައި ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސްގެ ލޯގޯ ކުރިއަށްއޮތް ތިން އަހަރު ބޭނުންކުރާނެއެވެ. ސެލްޓާގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖެހުމާއެކު އޮފިޝަލް މެޗު ޖާޒީގައާއި ޓްރޭނިން ޖާޒީގައާއި ސްޓާފުންނާއި ޓްރޭނިން ސްޓާފުންގެ ޔުނިފޯމުތަކުގައި ވެސް ވިޓިޒް މޯލްޑިވްސްގެ ލޯގޯ ބޭނުންކުރާނެއެވެ. އަދި ވިއްކަން ބެހެއްޓިފައި ހުންނަ ޖާޒީތަކުގައާއި ކްލަބު ދަތުރުކުރަން ބޭނުންކުރާ ބަހުގައި ވެސް ވިޒިޓް މޯލްޑިވްސްގެ ޖާޒީ ބެހެއްޓިގެންދާނެއެވެ.
ސެލްޓާގެ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގައި ޕެރިމީޓާ ލެޑް ސްކްރީނުގައި ރާއްޖޭގެ ވީޑިއޯ ދެއްކުމުގެ އިތުރުން އެކްލަބުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކްލަބުގެ ކުޅުންތެރިން ރާއްޖެ އިސްތިހާރުކުރުމަށް ވެސް ބޭނުންކުރާނެއެވެ.