ތައުލީމީ ދާއިރާ

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ކުދީންނަށް މަތީ ސާނަވީ ތައުލީމު ހިލޭ ދޭން ޖެހުމަކީ ބުރައަކަށް ވެދާނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް އުމުރުން 18 އަހަރު ފުރެންދެން، ހިލޭ މަތީ ސާނަވީ ތައުލީމު ދޭން ޖެހޭނެ ކަމަށް، ތައުލީމުގެ ބިލުގައި އޮތުމަކީ ދައުލަތަށް ނޫފުލޭ ވަރުގެ ބޮޑު ބުރަޔަކަށް ވެދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ، ތައުލީމުގެ ބިލާއި ގުޅޭ ގޮތުން އެ ކޮމިޓީގެ މިއަދުގެ ބއްދަލުވުމުގައި ބައިވެރިވެވަޑައިގެން، މައުލޫމާތު ދެއްވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، އޭލެވެލް ތައުލީމަކީ ވަރަށް އަގުބޮޑު ތައުލީމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ ކުދިންނާވެސް އެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް މަތީ ސާނަވީ ތައުލީމު ދޭގޮތަށް ބިލުގައި އޮތުމަކީ ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން މަތީ ސާނަވީ ތައުލީމު ހިލޭ ދިވެހި ކުދިންނަށް އެކަނި ދެވޭ ކަހަލަ ގޮތަކަށް ބިލުގައި ހިމެނުމަކިީ މުހިއްމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމިޓީން ދިރާސާ ކުރަމުން އަންނަ ބިލުގެ 19 ވަނަ މާއްދާގައި ބުނަނީ، ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ފަށާ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދައުލަތުން ފޯރުކޮށްދޭންވާނެ ކަމަށެވެ.