ރާއްޖެ ފަދަ ޖަޒީރާ ގަައުމަކަށް ޓެކްނޮލޮޖީއަކީ ފެންވަރު ރަނގަޅު ތައުލީމާ ގުޅުވައިދޭ ބުރިޖު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ ތައުލީމު ދުވަހުގެ ޝިއާރުކަމަށްވާ "އޭ އައި އެންޑް އެޑިއުކޭޝަން: ޕްރިޒާވިން ހިއުމަން އޭޖެންސީ އިން އަ ވޯލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތްކުރައްވައި ރައީސް މިއަދު ދެއްވި މެސެޖެއްގައި ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ޒަމާނެއްގައި ފަންނިއްޔާތާއި ތައުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަތީފަންތީގެ އީ ލާނިން ވަސީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ރާއްޖޭގެ ތައުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުން ކަމަށެވެ. އަދި "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ތައުލީމުގެ މުހިންމުކަން ހަނދާންކުރަމުންދާ ހިނދު ކުޑަކުދިންނާއި ޒުވާނުންގެ އިލްމާއި ހުނަރުތައް އިތުރުކުރުމަށް، ތައުލީމީ ދާއިރާގައި އިހުލާސްތެރި މަސައްކަތްތަކެއްކޮށްދޭ ދިވެހި އަދި ބޭރުގެ ތައުލީމީ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ގައުމުގެ ކޮންމެ ކުއްޖަކީވެސް، އެ ކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭ ފަދަ އަގުކުރުންތައް ގާއިމުކޮށްދޭ ފަދަ ހިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ އަދި ބަދަލުވަމުން މިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނޭކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.