މިމަހުގެ 7 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލުގެ އެފްބީ ޕޭޖުގައި ހިއްސާކުރީ އެ ސްކޫލު ކުއްޖެއްގެ ފަންނުވެރި އަރަބި ކެލެގްރެފީގެ މަސައްކަތެވެ. އެއީ އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ހުސެއިން ނާއިޝްގެ ހުނަރު ވަރަށް ފުރިޔަމަޔަށް ފެނުނު ފޮޓޯ އަދި ވީޑިއޯތަކެކެވެ.
ށ. ކަނޑިތީމު އަބްދުއް ރައޫފް އުމަރު އަދި ފާތިމަތު ސާއިގާގެ އެންމެ ހަގު ދަރިފުޅުގެ އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އެ ޕޯސްޓް އެތައް ބަޔަކު ޝެއާކުރިއެވެ. އެ ޕޯސްޓުން ފެނިގެންދަނީ ނާއިޝްގެ ހުނަރެވެ. އަރަބި ބަހުގެ އަކުރުތައް ރީތި ހިތްގައިމު ގޮތްގޮތަށް ފަރުމާކޮށްގެން ލިޔެފައިވާ ގޮތެވެ. އެ ސްކޫލުގެ ތިން ފާރެއްގައި ނާއިޝްގެ އަރަބި ކެލަގްރަފީގެ ހުނަރު ވަރަށް ފުރިހަމަ އަދި ކުލަގަދަ ކަޅުކުލައިން ވަނީ ދައްކައިލައިފައެވެ.
އެ މަސައްކަތަކީ ނާއިޝްގެ އަމިއްލަ ހިތްވަރާއި މިންނަތުން އެއް މަސްދުވަހުން ނިންމާލި މަސައްކަތް ކަމަށް ނާއިޝްގެ އާއިލާއިން "ވަން" އަށް ދިން ފޯނު އިންޓަވިއުއެއްގައި ބުންޏެވެ.
ނާއިލްއަށް އަޑު އިވުމުގައި އުނދަގޫތަކެއް ހުރެއެވެ. އާއިލާއިން ބުނީ އެކަން ފާހަގަވީ އެންމެ ބޭބީ އިރުގައިވެސް ތުއްތުކުދީން ރޯއިރު މައިންބަފައިން އެ ކުއްޖާ ހުޢްޓުވަން މަސަލަސް ކުރަން ކުރާ މަސައްކަތް ނާކާމިޔާބުވަމުންދާ ކަން ފާހަގަވި ހިސާބުން ފެށިގެން ކަމަށެވެ.
"ރޯން ފަށާފަ ހުއްޓާނުލާތީ މަސަލަސް ކުރަން އުޅުނަސް ނާއިޝް ހުއްޓައެއްނުލާނެ. އެހެންވެ ފާހަގަވީ. ޑޮކްޓަރަށް ދެއްކީމަ އެނގުނީ ނާއިޝްގެ އަޑު އެހުމުގަ މައްސަލަ ހުންނަކަން. އެއިރު އަހަރެއްނުވާނެ" އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނީ ނާއިޝްއަކީ ކުޑައިރުވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށާއި ފެންނަ މަންޒަރުތައް ސިކުނޑިއަށް ފޮޓޯނަގައިގެން، ކުރެހުމަކީ ނާއިޝްއަށް ގުދުތަރުން ލިބިފައިވާ ވަރަށް ހާއްސަ ހުނަރެކެވެ.
ނާއިޝް އަކީ އަޑު އިވުމަށް ނުކުޅެދިފައިވާ ކުއްޖެއް ނަމަވެސް، ކަނޑިތީމު ސްކޫލުގައި ކިޔެވިއިރުވެސް ނާއިޝް އެކަހެރިކޮށް ބާކީކޮށެއްނުލައެވެ.
"ތަފާތު ކުއްޖެކޭ ކިޔާފަ އެއްވެސް ދިމާލަކުން އެކަހެރިކޮށްލުމުގެ ގޮތުން ކަމެއް ނުކުރޭ. ކޮމިއުނިކޭޓް ކުރުމުގަ ޗެލެންޖަކަށްވެއޭ ބުނޭ. މާލެއަށް ބަދަލުވީމަ އެއީ އެންމެ ބޮޑު ކާމިޔާބީއަކަށް ވީ. އެންމެ ފުރަތަމަ ފޮނުވީ ޖަމާލުއްދީނަށް، "ޗިކް" ކުލާހަށް ނާއިޝް ކަހަލަ ކުދިންނާ އެކީ. އެ ކުލާހުން ވަރަށް ބައިވަރު ރައްޓެހިންނާ ދިމާވީ، ހާއްސަ ސައިންލެންގުއޭޖް ޓީޗަރުންތަކެއް ވީމަ މުޖުތަމައަށް ނުކުންނަން ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވީ." އާއިލާއިން ބުންޏެވެ.
އާއިލާއިން ބުނީ ނާއިޝް އަކީ ކުޑައިރުވެސް ފެންނަ ތަކެތި ހިތުގައި ރައްކާކޮށްގެން ގޭގައި ކުރެހުމުގެ މަސައްކަތް ކުރި ކުއްޖެއް ކަމެވެ. އެންމެ ފުރަތަމަ ކުރެހީ ށ. ކަނޑިތީމުން މާލެ ދަތުރުކުރާ ބަނދަރު މަތީގައި އޮތް "އުޅިއަށި" ބޯޓެކެވެ.
"ބޯޓު ބަލަހައްޓައިގެން ހުރެގެން ގެއަށް އައިސްފަ ދެން އެ ބޯޓުގެ އެކި ޑީޓޭލްސްތައް ކުރެހުމާ އެއްގޮތަށް ކުރެހުމުގެ އެކި ކަހަލަ ކަންތައްތަކުން ކުރަމުންއައިސް، މިހާރު ސްޕެސިފިކަލީ ކެލަގްރަފީއަށް ފޯކަސް ކޮށްގެން ކުރިޔަށްއެދަނީ." އާއިލާއިން ބުންނެވެ.
ފުރަތަމަ ކެލަގްރަފީ ވީޑިއޯތައް ބަލަމުން ދަސްކުރުމަށް ފަހު އަމިއްލަޔަށް އެކްސްޕްލޯ ކުރަމުން އެ ޑިޒައިން ގެންނާނީ ކިހިނެއްތޯ އަމިއްލަޔަށް ބަލައި ފަރުމާތައް ކުރީ އުމުރުން 18 އަހަރުގައެވެ. މިހާރު 21 އަހަރެވެ.
"ފާހަގަވީ 2020 ގެ އަހަރުތަކުގެތެރޭގަ އެކި ކަހަލަ ކުރެހުމުގެތެރެއިން ނާއިޝް އަރަބި އަކުރުތައް ލިޔުމުގެތެރެއިން ޝައުގު އުފެދުނީ." އާއިލާއިން ބުންޏެވެ.
ޖަމާލުއްދީން ސްކޫލުގެ "ޗިކް" ކުދިންނާއެކީ ކުރިން ކިޔެވި ނަމަވެސް މިހާރު ނާއިޝްއަކީ އަދައިގެ ކުދީންނާއެކީ ކިޔެވުން ފުރިހަމަ ކުރަމުން އަންނަ، ކުދީންނާ ގުޅޭ އެކުވެރި ކުއްޖެކެވެ.
ސްކޫލުގައި ބައިވެރިވާ އިތުރު ހަރަކާތްތަކުގެތެރޭގައި ބާސްކެޓް ބޯޅަ ހިމެނެއެވެ. ސައިންސްފެއާތަކުގައިވެސް ބައިވެރިވެއެވެ. ނަމަވެސް ނާއިޝް ހާއްސަ ސަމާލުކަމެއް ދެނީ އަރަބި ބަހުގެ ކެލެގްރަފީއަށެވެ. ކެލަގްރަފި އެކަންޏެއް ނޫނެވެ. ކުރެހުމުގެ އެެހެންދާއިރާ ތަކުގައިވެސް ވަރަށް ގިނަ އެކްޒެބިޝަންތަކުގައި ނާއިޝް ވަނީ އޭނާގެ ކުލަގަދަ ފެހީގެ ހުނަރު ވަރަށް ފުރިހަމަޔަށް ދައްކައިލައިފައެވެ.
މިހާރު ނާއިޝްގެ އިންސްޓާގްރާމް ޕޭޖެއްވެސް ހުރެއެވެ. އެއީ "ނާއިޝްގެ ފިހިން" ކިޔާ ޕޭޖެކެވެ. އެ ޕޭޖުން އޭނާގެ ކުރެހުންތައް ފެނިގެން ބައެއް ފަރާތްތަކުން އެކި އަގުގައި ކުރެހުންތައް ކުރެހުމަށް ނާއިޝްއަށް ހިތްވަރުދީ އަދި ބައެއް ފަރާތްތަކުން އަގަށް ކުރެހުން ކުރަހައިދިނުމަށް އެދޭ ކަމަށް ވެސް އާއިލާއިން ބުންޏެވެ.
"ވަރަށް ގިނަ ފަރާތްތަކުން ނާއިޝްއަށް ޑީއެމް ކުރާނެ. މިކަހަލަ ކުރެހުން ކުރަހައިދެނީ ކިހާވަރަކަށްތޯ އަހާނެ. އަގެއް ކިޔަންޏާ ކިހާވަރަކަށްތޯ. އެގޮތަށް އެޕްރޯޗްކޮށްލައިފިއްޔާ ނޫނިއްޔާ ވަކި ހާއްސަ ޕްލެޓްފޯމެއް ނޯންނާނެ." އާއިލާއިން ބުންޏެވެ.
ނާއިޝް އެންމެ ކިޔަވާހިތްވާ މާއްދާއަކީ އިނގިރޭސިއާއި ހިސާބެވެ. އާއިލާއާ އެކުގައި ހޭދަކުރާ ވަގުތަކަކީ އެހެން ކުދީންނާވެސް ގުޅިގެން އުޅޭ މަޖާ ވަގުތުތަކެވެ. އަދި އާއިލާގެ އެހެން ކުދީންވެސް ދަންނަނީ ނާއިޝްއަކީ ކުރާ ކަމެއްގައި ގާބިލު، ކަންކަން ކުރަން ކެރޭ ކުއްޖެއްގެ ގޮތުގައެވެ.
"އެންމެ ފަހުން ބޭއްވި އާޓް ގެލެރީއަށްވެސް އައީ ހުސް ނޯމަލް ކުދިން. ނާއިޝްއަށް ސަޕޯޓުކުރަން. ހުރިހާ ކުދިން ނާއިޝްއަށް ދޭ ސަޕޯޓު ފެނިފަ ވަރަށް އުފާވޭ." އާއިލާއިން ބުންޏެވެ.
ފުރަތަމަ އާދައިގެ ކުދިންނާ އެކުގައި އެއް ކުލާހެއްގައި ކިޔަވަން ޖެހުމުން ފިލާވަޅުތައް ދަސްކުރުމާއި ފިލާވަޅުތައް ހެދުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެހުރިހާ ކަމެއް ނޯމަލް ވަމުން އަންނަ ކަމަށް އާއިލާއިން ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިމަހުގެ 8 ވަނަ ދުވަހު ވަނީ ނާއިޝްގެ ހުނަރަށް ތައުރީފު ކުރައްވައި، ނާއިޝްއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައިފައެވެ.
ޝަހީމް ވިދާޅުވީ ނާއިޝް އެދުނު ގޮތަށް، އަރަބި ކެލަގްރަފީ ދައިރާއިން ނާއިޝް ބޭނުންވާ އިތުރު ހުނަރު ދަސްކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެހީވާނެ ކަމަށެވެ.
"ނާއިޝް ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދީންނަށް ދަސްކޮށްދިނުމަށް އޭނާއާ މަސައްކަތްތަކެއް ހަވާލު ކުރާނެ. ރާއްޖޭގައި މި އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓޭނެ." އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް ނާއިޝްއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސާނެ އެވެ. އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުގު ހުރި މިފަދަ ހުރިހާ ކުދީންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވިއެވެ.
ޖަމާލުއްދީން ސްކޫލުން "ވަން" އަށް ބުނީ ނާއިޝް ގްރޭޑް 10 ނިންމުމުގެ ކުރިން އޭނާގެ ހަނދާނަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ނިންމީކަމަށެވެ. ނާއިޝްގެ ހުނަރު ސްކޫލަށް ފާހަގަވެގެން އެކަން ގިނަ ދުވަހަށް ފެންނާނެ މަސައްކަތެއްގެ ގޮތުގައި ބެހެއްޓުމަށް ސްކޫލު ފާރުގައި ނާއިޝްގެ އަރަބި ކެލަގްރަފީގެ މަސައްކަތް ދައްކުވައިލަން ފުރުސަތު ހޯދަދިނީ ކަމަށެވެ.
ސްކޫލުންވެސް ފާހަގަ ކުރަނީ ނާއިޝް އަކީ ވަރަށް ބަސްއަހާ، އަމިއްލަޔަށް އިސްނަގައިގެން އެކި ކަންކަމުގައި ހަރަކާތްތެރިވާ ދަރިވަރެއްގެ ގޮތުގައެވެ. ޖޭއެސް އިން އަބަދުވެސް ބަލަނީ އެ ސްކޫލުގައި ކިޔަވާ ހުރިހާ ދައިވަރުންނަށްވެސް ފަހި މުސްތަގުބަލެއް ހޯދައިދެވޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސައިދެވޭތޯ ކަމަށް ސްކޫލުން ބުންޏެވެ.
ސްކޫލުން އެ ފުރަސަތު ދިނުމުން ނާއިޝްގެ ހުސްވަގުތު ތަކުގައި އެ މަސައްކަތްތައް ވަރަށް ފުރިހަމަޔަށް ނިންމާފައިވާ ކަން ވެސް ޖޭއެސްއިން ފާހަގަކުރިއެވެ.
ކުރެހުމަށް ޝައުގު އުފެދުނު ގޮތް ނާއިޝް "ވަން" އަށް ކިޔަދިނީ މެސެޖަކުންނެވެ. އެ މެސެޖުގައި ނާއިޝް ބުނީ އޭނާ ކުރެހުމަށް ޝައުގު އުފެދުނީ ސްކޫލުގެ ގުރުއާން ފޮތުގައި ހުރި އަރަބި އަކުރުތައް ފެނިގެން ކަމަށެވެ.
"އަހަރެންގެ އަރަބި އަތުލިޔުން ރީތިކުރަން މަސައްކަތް ކުރި ވަރަކަށް އަހަރެންނަށް އެކަންވީ ވަރަށް އަޖައިބު އަދި ހިތްހަމަ ޖެހޭ މަސައްކަތަކަށް. އެހެންވެ އެ މަސައްކަތް އަހަރެން އިތުރަށް ފުރިހަމަ ކުރަން ދާއިމީކޮށް ކެލެގްރަފީގައި މަސައްކަތް ފެށީ" ނާއިޝް ބުންޏެވެ.
އަރަބި ކެލެގްރަފީ ދަސްކުރަން ބޭނުންވާ ކުދީންނަށް އަކުރުން އަކުރަށް އެ ހުނަރު ދަސްކޮށްދޭން ނާއިޝް ބޭނުންވެއެވެ. އެހެން ކުދީން އެ ދާއިރާއަށް ޝައުގު އުފެއްދުމަށް މަސައްކަތް ކޮށްދޭން ބޭނުންވެ އެވެ. މުސްތަގުބަލުގައި އެ މަސައްކަތުން އިތުރު ހަރުފަތްތައް ގިރާކުރަން ގިނަ ކުދީންތަކަކަށް އެހީތެރިވެދޭން ނާއިޝް ބޭނުންވެއެވެ.
"ވަން" އިން އެދެނީ ނާއިޝްގެ މި މަސައްކަތް ފުރިހަމަ ކާމިޔާބެވެ.