މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.
އެމްއޭސީއެލްގެ މެރިޓް އެވޯޑަކީ ކުންފުނީގެ ސީއެސްއާރް، އެމްއޭސީއެލް ކެއާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
އެ އެވޯޑާ އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑޭޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ދެއެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދެއެވެ.
އެކަމަށްޓަކައި އިއްޔެ ސީއެޗްއެސްއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސީއެޗްއެސްއީގެ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުން އަންނަ ދަރިވަރުން ބައިވެރިވިއެވެ. އެ ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މިއަހަރު އެވޯޑު ހާސިލުކުރި ހަތަރު ދަރިވަރުންނަކީ، އަލީ މާއިސް މުފީދު، ނިޝްޔާ ވަހީދު، އަހްމަދު ރާއިފް ނަސީމް އަދި ޔަޝާ ޝަފީ ޝަފީގް އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެކުންފުންޏަކީ މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އެކުންފުނީގެ ހުރިހާ ޓެކްނިކަލް ދާއިރާތަކެއްގައިވެސް މަސައްކަތްކުރަނީ ދިވެހިންކަން ފާހަގަކުރައްވައި ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުން އެމްއޭސީއެލްއާ ގުޅުމަށް ދައުވަތު ދެއްވާ ކަމަށެވެ.
ކިޔެވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި، ހާއްސަކޮށް ކަންކަން ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މުސްތަގުބަލުގައި ކާމިޔާބު މީހުންނަށް ވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ސީއީއޯ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޕްރިންސިޕަލް ޒުހުދުލް ހައްގު ވަނީ އެމްއޭސީއެލް އިން އެފަދަ ފުރުސަތުތަކެއް ދަރިވަރުންނަށް ހޯދައިދިން ކަމަށްޓަކައި، އެކުންފުނީގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. އޭގެއިތުރުން، ޒުހުދުލް ވިދާޅުވީ ސީއެޗްއެސްއީ އަކީ ކިޔެވުމުގައި ވާދަވެރި ދަރިވަރުން ތިބި ސްކޫލެއް ކަމަށާއި މި އެވޯޑުގެ ސަބަބުން ދަރިވަރުން ކިޔެވުމުގައި ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.
އެމްއޭސީއެލް ކެއާގެ ދަށުން ހިންގާ އެ ޕްރޮގްރާމަކީ، ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހިންގުންތެރި މީހުން އުފެއްދުމަށް ވެވޭ އެހީއެކެވެ. މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް އެމްއޭސީއެލް އިން އަންނަނީ ފައިސާގެ އިނާމުވެސް ދެމުންނެވެ. އެމްއޭސީއެލް ކެއާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.