ނޭމާ

ބާސާއަށް 6.7 މިލިއަން ޔޫރޯ ދައްކަން ނޭމާގެ މައްޗަށް ހުކުމްކޮށްފި

އައިދާ އަބްދުލް ހަކީމް

ކުރީގެ ކްލަބު ބާސެލޯނާއަށް 6.7 މިލިއަން ޔޫރޯ ދައްކަން އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ނޭމާ ޖޫނިއާގެ މައްޗަށް ސްޕެއިންގެ ބާސެލޯނާގައި ހުންނަ "ސޯޝަލް ކޯޓް 15" އިން ހުކުމްކޮށްފިއެވެ.

ބާސާ އިން ނޭމާގެ މައްސަލަ ހުށަހަޅާފައިވަނީ ސްޕެއިންގެ ބާސާ ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގުޅުމުގެ ކުރިން 2016ގައި ބާސާގެ ކޮންޓްރެކްޓް އާކުރުމުން އެ ކްލަބުން ލޯޔަލްޓީ ބޯނަސްގެ ގޮތުގައި ދޭން ޖެހޭ 43.6 މިލިއަން ޔޫރޯ ދައްކާފައި ނުވާ ކަމަށް ބުނެ އޭނާ ވެސް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

ކޮންޓްރެކްޓް އާކުރުމަށް ބާސާ އިން ދިން އަގު ހޯދުމަށް އެ ކްލަބުން ހުށަހެޅި މައްސަލައިގައި އުމުރުން 28 އަހަރުގެ ނޭމާއާ ދެކޮޅަށް ކޯޓުން އެ މައްސަލަ ނިމުނު ކަމުގައިވިޔަސް އިސްތިއުނާފު ކުރުމުގެ ފުރުސަތު ނޭމާއަށް އޮންނާނެއެވެ.

ނޭމާއާ ދެކޮޅަށް ކޯޓުން ކުރި މި ހުކުމާ ގުޅިގެން ބާސާ އިން ބުނެފައިވަނީ ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ނިންމުން ދެމެހެއްޓުމަށް އެ ކްލަބުން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބާސާ އިން 2017 ވަނަ 222 މިލިއަން ޔޫރޯގެ އަގަކަށް ޕީއެސްޖީއަށް ބަދަލުވުމަށް ފަހު، ނޭމާ ވަނީ އެ ކްލަބުން އޭނާއަށް ދޭންޖެހޭ 43.6 މިލިއަން ޔޫރޯ ދީފައިނުވާތީ އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއަށް ވެސް އެ މައްސަލަ ހުށަހަޅައިފައެވެ. މި މައްސަލަ ފީފާއަށް ހުށަހެޅުމުން ބާސާ އިން ވަނީ އެ ކްލަބަަށް ނޭމާ ގެންދިއުމަށް 2016 ވަނަ އަހަރު ކޮންޓްރެކްޓް އާކުރުމަށް އެ ކްލަބުން ދިން އަށް މިލިއަން ޕައުންޑް އަނބުރާ ހޯދުމަށް ގާނޫނީގޮތުން މަސައްކަތް ފަށައިފައެވެ. ބާސާ އިން މައްސަލަ ހުށަހެޅީ އެ ކޮންޓްރެކްޓަށް ނޭމާ އިހުތިރާމުކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ނޭމާ ހުށަހެޅި މައްސަލައަށް ފީފާ އިން ގޮތެއް ނިންމައިފައެއް ނުވެއެވެ. އެ އިދާރާ އިން ބުނެފައިވަނީ އެ މައްސަލައަށް ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.