ހުޅުމާލެ

ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލޭ ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށްފި

މުހައްމަދު އައުޒަމް

1

ހުޅުމާލޭގައި ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން މިރޭ މުޒާހަރާކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީ ހުންނަ އެޗްޑީސީ މައި އޮފީސް ކުރިމަތީގައި ކުރިއަށްދިޔަ މި މުޒާހަރާގައި ޓެކްސީ ޑުރައިވަރުން ވަނީ އެޗްޑީސީގެ ގަވާއިދުގައި ބުނާ ކަންކަމާއި ހިލާފަށް ހުޅުމާލޭގައި ޓެކްސީ ދަތުރުތައް ކުރާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލައިފައެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެމުން ހުޅުމާލޭ ޓެކްސީ ޑްރައިވަރަކު ބުނީ އެމީހުން ހިތްހަމަނުޖެހި މުޒާހަރާކުރަން ޖެހުނީ އެޗްޑީސީގެ ގަވާއިދާއި ހިލާފަށް މާލޭގައި ޓެކްސީ ކުރަމުންދާ ފަރާތްތަކުން ހުޅުމާލޭގައި ޓެކްސީ ކުރަމުންދާތީ ކަމަށެވެ.

އެ ޑްރައިވަރު އިތުރަށް ބުނެފައިވާ ގޮތުގައި އެޗްޑީސީ ގަވާއިދުގައިވާ ގޮތުން ހުޅުމާލޭގައި ޓެކްސީ ކުރެވޭނީ ހަމައެކަނި އެޗްޑީސީ އިން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ. އަދި ހުޅުމާލޭގައި ޓެކްސީ ކުރެވޭނީ "ހައިބްރިޑް" ކާރުތަކަށް ތަކަށް އެކަނި ކަމަށާއި ޑްރައިވަރުންގެ ގޮތުގައި ތިބެވޭނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ވެސް ގަވާއިދުގައިވާ ކަމަށް އެ ޑްރައިވަރު ބުންޏެވެ.

ސިނަމާލެ ބުރިޖު ހުުޅުވުމާއެކު މާލޭގައި ދަތުރުކުރާ ޑްރައިވަރުން ހުޅުމާލޭގައި ދަތުރުކުރަމުންދާ އިރު، އެޗްޑީސީގެ ވެބްސައިޓުގައިވާ ހުޅުމާލެއަށް އުޅަނދު ފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ 16 ވަނަ މާއްދާގެ (ށ) ގައިވާގޮތުން "ހުޅުމާލޭގައި ޓެކްސީކުރުމަށް ކާރު ގެނެވޭނީ ހަމައެކަނި އެ ކޯޕަރޭޝަނުން އެކަމަށް ޢިއުލާނުކުރުމުން އެކަމަށް ހޮވޭ ފަރާތްތަކަށެވެ.


ހިތްހަމަނުޖެހުނު ޑްރައިވަރުން ވަނީ ހުޅުމާލޭގެ އެޗްޑީސީ އޮފީހުގެ ބޭރުގައި ޓެކްސީތައް ޕާކުކޮށް ހިތްހަމަނުޖެހުން ފާޅުކޮއްފައެވެ. ވަން އޮންލައިން އަށް މައުލޫމާތުދެއްވި ޑްރައިވަރުބުނީ އެކިފަހަރުމަތިން އެޗްޑީސީ ގެ އިސްފަރާތްތަކާއި ގުޅުއްވާފައިވާކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އޭނާ ބުންޏެވެ. އެޗްޑީސީގެ މުވައްޒިފެއް ފަހުންވަނީ އަންނަ އާދީއްތަ ދުވަހު އެޗްޑީސީ ގެ ފަރާތުން ޑްރައިވަރުންނާއު ބައްދަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިކަމަށެވެ.

ވަން އޮންލައިން ގެ ފަރާތުން އެޗްޑީސީގެ އޮފިޝަލަކަށް ގުޅުމުން ޖަވާބު ނުދެއްވާތީ އެޗްޑީސީގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟