ސްޕެނިޝް ލަލީގާ

މެސީ އާއި ސުއަރޭޒް މިރޭގެ މެޗަށް ފިޓް

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މަޔޯކާއާ ދެކޮޅަށް ކުޅެން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފިޓްވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން މެދުކެނޑުމަކަށް ފަހު ފަށާފައިވާ ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުން މެސީގެ އިތުރުން ސުއަރޭޒް ނުފެނިދާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް މިދިޔަ ހަފުތާގައި މެސީގެ ކަނާތުފަޔަށް ލިބުނު އަނިޔާއިން މިހާރު އޭނާ ރަނގަޅުވެފައިވާ ކަމަށް ބާސެލޯނާ އިން ވަނީ ބުނެފައެވެ.

މެސީގެ އިތުރުން މިއަހަރުގެ ކުރީކޮޅު ކަކުލުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދިޔަ ސުއަރޭޒަށް ވެސް މި ސީޒަން ނިމުނީކަމަށް ބެލެވުނެވެ. ސުއަރޭޒް ވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މި ލިބުނު ދުވަސްތަކުގައި އޭނާ ވެސް ކޮންމެވެސް ވަރަކަށް ފިޓް ކަމަށް ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ވަނީ ބުނެފައެވެ. އޭނާ ބުނީ ސުއަރޭޒަށް މެޗުގެ 90 މިނެޓް ހަމަކުރެވިދާނެ ކަމަށާއި ނަމަވެސް މެސީ މުޅިންހެން ފިޓްވެފައިވާ ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 2-1 އިން ގްރަނާޑާ މޮޅުވެފައިވާ އިރު، ލެވަންޓޭ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ބާސެލޯނާ އާއި މަޔޯކާއާ ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 1:00 ގައެވެ.