ދިރާގު

ދިރާގުގެ އޭޖީއެމް ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް، ހިއްސާއަކަށް 12 ރުފިޔާ

މަރިޔަމް ޝަހުދާ

ފުރަތަމަ ފަހަރަށް ދިރާގުގެ އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބާއްފައިފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނީގެ 31 ވަނަ އަހަރީ އާންމު ޖަލްސާ މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ޖަލްސާ ވާޗުއަލްކޮށް ކުރިއަށްގެންދިޔައީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ 'ފަހިވޯޓް' މެދުވެރިކޮށް ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި މިއީ ކުންފުންޏަކުން 'ފަހިވޯޓް' މެދުވެރިކޮށް ބޭއްވި ފުރަތަމަ ވާޗުއަލް އަހަރީ އާންމު ޖަލްސާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އެގޮތުން މި ޖަލްސާގައި ބައިވެރިވުމަށް 68 ހިއްސާދާރުން ރަޖިސްޓްރީވި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ޖަލްސާ ނިންމާލާފައިވަނީ އެޖެންޑާގައި ހިމަނާފައި ހުރި ބައިތައް ކާމިޔާބުކަމާއެކު ފާސްކޮށްގެން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގު އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބޭއްވުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ މި ޖަލްސާ ވާޗުއަލްކޮށް ބޭއްވުން ވެގެން ދިޔަކީ ކުރެވުނު ތަފާތު އަދި ރަނގަޅު ތަޖުރިބާއަކަށް ކަމަށެވެ. އަދި މިފަދަ ޖަލްސާއެއް އޮންލައިންކޮށް ބާއްވައި، ޖަލްސާގެ ހުރިހާ ކަމެއް ކާމިޔާބުކަމާއެކު ޑިޖިޓަލްކޮށް ފުރިހަމަ ކުރެވުނުކަމީ ކުންފުންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ދެކޭ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ޑިޖިޓަލް މުސްތަގުބަލަކަށް އެޅުނު މުހިއްމު އެއް ބިންގާ ކަމަށް ދެކޭ ކަމަށާއި މި ދަނޑިވަޅުގައި ޑިޖިޓަލް ގޮތްތައް ހިޔާރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަގުލަބިއްޔަތުން 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ ފައިސާ ފާސްކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަނީ އަހަރަކު ދެފަހަރު ކަމަށާއި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 2019 ވަނަ އަހަރު ހިއްސާއަކަށް 4.14 ރުފިޔާ ހިއްސާދާރުންނަށް ބަހާފައިވާ ކަމަށެވެ. އަދި މިއަދު ޖަލްސާގައި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.86 ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ރާއްޖެ ބިނާކުރުމާއި އިޖުތިމާއީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ފާއިތުވި އަހަރުގެ އުސްއަލިތަކަށް ބަލާއިރު މިދިޔަ އަހަރުވެސް އެ ކުންފުނިން އެޕްރެންޓިސް ޕްރޮގްރާމް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަދި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ އެންމެ ބޮޑު އިވެންޓު، ދިރާގު ރޯޑް ރޭހަށް މިދިޔަ އަހަރު އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސްޕީއައިއޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯޓްސް" ކެޓަގަރީން ބްރޯންޒް އެވޯޑް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.