ކޮވިޑް 19އާ ގުޅިގެން ތިން މަސް ދުވަހަށް މެދުކަނޑާލުމަށްފަހު ސްޕެނިޝް ލަލީގާގެ މެޗުތައް މިރޭ ފެށިގެންދާނެއެވެ.
ކޮވިޑާ ގުޅިގެން ލަލީގާގެ މެޗުތައް މެދުކަނޑާލާފައިވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. ލީގުގެ މެޗުތައް ދެން ކުރިއަށްގެންދާނީ ދަނޑުތަކަށް ސަޕޯޓަރުން ނުވައްދައެވެ.
ލަލީގާގެ މެޗުތައް އަލުން ފެށިގެންދާނީ މިރޭ ސެވިއްޔާއާއި ރެއާލް ބެޓިސް ބައްދަލުކުރާ މެޗުންނެވެ. ސެވިއްޔާގެ ރަމޯން ސަންޗޭޒް ޕިޒްހުއާން ސްޓޭޑިއަމްގައި ކުޅޭ އެ މެޗު ފެށޭނީ ރާއްޖެގަޑިން މިރޭ 1:30 ގައެވެ.
ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އިން އަންނަ ހޮނިހިރު ދުވަހުގެ ރޭ މަޔޯކާއާ ދެކޮޅަށް ނުކުންނާނެއެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗަށް ބާސާ ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 1:00 ގައެވެ. އަދި ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑުން އަންނަ އާދީއްތަ ދުވަހުގެ ރޭ އެއިބާއާ ދެކޮޅަށް ނުކުންނާނެއެވެ. އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗަށް ރެއާލް ނުކުންނާނީ އާދީއްތަ ދުވަހުގެ ރޭ 10:30 ގައެވެ.
ލީގުގެ އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާއަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ލީގުގެ ތިންވަނައިގައި އޮތީ ކުޅުނު 27 މެޗުން 47 ޕޮއިންޓް ހޯދި ސެވިއްޔާއެވެ.