މިންހާ ފާއިޒް ރަޝާދު
ހައިލުވުމުން ބޭނުން ކުރާ ތަކެތި، (ސެނިޓަރީ ޕްރޮޑަކްޓްސް) ނިއުޒިލޭންޑުގެ ސްކޫލުތަކުގައި ހިލޭ ބަހަން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާނުކޮށްފިއެވެ.
ނިއުޒިލޭންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާޑެން މިދިޔަ ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެގައުމުގެ އަންހެން ކުދިންގެ ތެރެއިން ނުވަ އަހަރާއި 18 އަހަރާ ދެމެދުގެ 95000 ކުދިން ހައިލުގެ ދުވަސްވަރު ސްކޫލަށް ނުގޮސް ގޭގައި މަޑުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެއީ ސެނިޓަރީ ޕްރޮޑަކްޓްސް ގަތުމަށް ބޭނުންވާ ފައިސާ ނުހުންނާތީ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވެ ހިލޭ ލިބޭ ގޮތް ހެދުމުން، މި ދަރިވަރުން ކިޔެވުމުން މަހްރޫމު ނުވެ ސްކޫލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ" ބޮޑު ވަޒީރުގެ ބަޔާނުގައި ވެއެވެ.
މިކަމަށް ސަރުކާރުން 1.7 މިލިއަން ޑޮލަރު އިންވެންސްޓު ކުރާނެ ކަމަށާއި ފުރަތަމަ ފަށާނީ 15 ސްކޫލަކުން ކަމުގައިވެސް ބަޔާނުގައި ވެއެވެ. އަދި އަންނަ އަހަރު ތެރޭ ހުރިހާ ސްކޫލަކަށް ފުޅާކުރަން ނިންމާފައިވާ ކަމަށްވެސް ވެއެވެ.
ކުރިއަރަމުން އަންނަ ގައުމުތަކުގައި ޕީރިއަޑް ޕަވަޓީއަކީ އާންމު މައްސަލައެކެވެ. ބައެއް ދިރާސާތަކުން ހާމަވާ ގޮތުގައި ޕީރިއަޑް ޕަވަޓީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އޮވެއެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ނިއު ޒިލޭންޑު ހިމެނެއެވެ.
މިދިޔަ އަހަރު އިންގްލޭންޑުގެ ހައި ސްކޫލު ދަރިވަރުންނަށް ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭ ބަހަން ފަށާފައިވާއިރު މިއަހަރުގެ ފެބްރުއަރީގައި ސްކޮޓިޝް ޕާލިމެންޓުން ވަނީ އެގައުމުގެ ހުރިހާ އަންހެނުންނަށް ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭ ލިބޭނެ ގޮތަށް ބިލެއް ފާސްކޮށްފައެވެ.