އިބްރާހިމް ޒަކީ
މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓުގައިވާ ފަގީރުންނަށް މިއަހަރުގެ ފިތުރުޒަކާތް ބަހާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމީޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިއާން އެވެ.
ޝިއާން ހުށަހެޅުއްވި މައްސަލައިިގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ފިތުރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުން ވަރަށް ގިނަ ފަގީރުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ.
މީގެ އިތުރުން އެކަމުގެ ސަބަބުން ގިނަ ރަށްރަށުގެ ރައްޔިތުން ކަންބޮޑުވެ އެކަމުގެ ޝަކުވާތައް ކުރަމުންދާތީ، ޒަކާތް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށް މިހާރުން މިހާރަށް މަޖިލީހުން ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ، ބަލައިދިނުމަށް، މަޖިލީހުގެ ރައީސަށް މެންބަރު ޝިއާން ފޮނުވި ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައިގައި، ކޮމިޓީގައި މިއަދު ކުރިޔަށްދިޔަ ބަހުސްގައި، މިއަދު ފަގީރުންނަށް ޒަކާތް ބެހުމުގައި މިނިސްޓްރީން ކަންތައްކޮށްފައިވާ ގޮތާއި އެކަމުުގެ ސިޔާސަތު ލިޔުމުން ކޮމިޓީން އޮޅުން ފިލުވުމާއި، އެޔަށްފަހު، އެކަމާބެހޭގޮތުން މިނިސްޓަރު ހާޒިރު ކުރައްވައިގެން އިތުރު ސުވާލު ކުރުމަށް ކޮމިޓީ މެންބަރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން ހުށަހަޅުއްވައިގެން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ކޮވިޑް 19 ގެ ސަބަބުން ފަގީރުންގެ ލިސްޓަށް އައިސްފައިވާ ބަދަލުތަކާބެހޭ މައުލޫމާތު، ޖެންޑާ މިނސިްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީން ސާފުކުރުމަށްވެސް ޖީހާންގެ ހުށަހެޅުއްވުމުގައި ހިމަނައިގެން ވަނީ ފާސްކޮށްފައެވެ.
މި އަހަރު ފިތުރު ޒަކާތުގެ ފައިސާ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ދޫކުރަން ނިންމީ ކޮވިޑް 19 އާ ގުޅިގެންނެވެ.