ސްޕެނިޝް ލަލީގާގައި ރޭކުޅުނު މެޗު ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ސެވިއްޔާއިން ވަރުގަދަ ރެއާލް މެޑްރިޑް ލަދުގަންނަވާލައިފިއެވެ.
ރޭގެ މެޗަށް މިދެޓީމު ނިކުތްއިރު، އެއްވަނައިގައި އޮތް ބާސެލޯނާވަނީ ލެގަނޭސް އަތުން 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން، ރޭގެ މެޗުން މޮޅުވެ ޓޭބަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ރެއާލް މެޑްރިޑަށް އޮތެވެ. ރޭގެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ސެވިއްޔާ ވަނީ ދިހަ ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ.
ސެވިއްޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މިސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނުން ސެވިއްޔާއަށް ބަދަލުވި ޕޯޗުގަލްގެ ޒުވާން ފޯވާޑް އަންދްރޭ ސިލްވާ ދެލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި ވިސާމް ބެން ޔެޑާއެވެ. މެޗުގެ 17 ވަނަ މިނެޓާއި 21 ވަނަ މިނެޓުގައި ސިލްވާ ދެލަނޑު ކާމިޔާބުކުރިއިރު، ބެން ޔެޑާގެ ލަނޑަކީ މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑެކެވެ. މިއީ 3 މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.
މިއީ ރެއާލްގެ އާ ކޯޗު ޖޫލިއަން ލޮޕެޓީގް ޓީމާ ހަވާލުވިފަހުން ރެއާލް ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ރެއާލްގެ ލޫކާ މޮޑްރިޗް ގޯލެއް ކާމިޔާބު ކުރިނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރް) ވަނީ މިއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. ދާދި އިހަކަށް ދުވަހު މޮޑްރިޗަށް ވަނީ ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބިފައެވެ. ރޭގެ މިބައްޔާއެކު، ރެއާލް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާ އާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ގޯލުގެ ތަފާތުން ޓޭބަލްގެ ދެވަނައިގައެވެ.
ސެވިއްޔާއިން ވަނީ އެންމެފަހުން މިދެޓީމު ބައްދަލުކުރި މެޗުގައިވެސް ރެއާލް މެޑްރިޑް 2-3 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.