ޒަކާތް

މިއަހަރުގެ ފިތުރު ޒަކާތަށް މާލެެއިން 6.6 މިލިޔަން ރުފިޔާ ލިބުނު، ބެހީ ބޮލަކަށް 3800 ރުފިޔާ

އިބްރާހިމް ޒަކީ

މިއަަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން ޖުމުލަ 6,649,697.00 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޒަކާތާ ބެހޭގޮތުން އެ މިނިސްޓްރީން މިއަދު ނެރުުނު ތަފްސީލީ ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް 19ގެ މި ހާލަތާ ގުޅިގެން މުޅި ރާއްޖޭގައި ފިތުރު ޒަކާތުގެ ފައިސާ ނެގުމާއި ބެހުމުގެ އިންތިޒާމްތައް ކުރިޔަށްގެންދިޔައީ އޮންލައިންކޮށް ކަމަށެވެ.

މިގޮތުން ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އޫރިދޫ އަދި ދިރާގު މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް ބުނެފައި ވެއެވެ. މި އިންތިޒާމްތަކުގެ ދަށުން ހުސްވި ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ 18:00 އާއި ހަމައަށް މާލޭ ސިޓީގެ 156740 މީހުން ޒަކާތް ދައްކާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ، ޒަކާތު ފައިސާ އަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ އެއްޗެއް ކަަމަށެވެ. އެގޮތަށް ބަހާއިރު މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތުވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެގޮތަށް ޒަކާތް ބަހާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ 1715 މީހުންގެ ތެރެއިން މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ހަވާލު ކުރެވުނީ 1697 މީހުންނަށް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ފަގީރުންގެ ދަފްތަރަށް ޖުމުލަ 6,448,600.00 ރުފިޔާ ބަހާފައިވާކަމަށާއި އެއީ ބޮލަކަށް 3,800.00 ރުފިޔާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ، ފިޔަވަތި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 201,097.00 (ދެލައްކަ އެއްހާސް ނުވަދިހަ ހަތް ރުފިޔާ) ޒަކާތުގެ ފައިސާއިން ހަވާލުކުރެވިފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 5.6 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އެފަަހަރު 1،000 މީހުންނަށް ބޮލަކަށް 5,000.00 ރުފިޔާ ބަހާފައި ވެއެވެ.