އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އާ އަހަރުގެ ކިޔެވުން ކޮންމެ އަހަރަކުވެސް އަހަރުގެ މެދުތެރޭގައި ފަށަން މަޝްވަރާ ކުރަނީ

ދިރާސީ އާ އަހަރުގެ ކިޔެވުން ކޮންމެ އަހަރަކު ވެސް އަހަރުގެ މެދުތެރޭގައި ފަށަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިހާރު އޮންނަ ގޮތުން ސްކޫލުތައް ބަންދުކޮށް ދަރިވަރުން ބޮޑު ޗުއްޓީއަށް ދިއުމަށްފަހު އަލުން ސްކޫލުތައް ހުޅުވެނީ ޖަނަވަރީ ފުރަތަމަ ހަފްތާގައި ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައި އޮތް ސާނަވީ އިމްތިހާނާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައް ވެސް އަންނަ އަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފައިވާ ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ.

"އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާ ގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ." އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ދާއިމީ ގޮތެއްގައިވެސް އަހަރުގެ މެދުތެރެއިން ފަށަން މަޝްވަރާކުރާއިރު މި އަހަރުވެސް ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ސްކޫލުތައް ހުޅުވޭނީ އަންނަ މަހުގެ 14 އަށްފަހުގަ އެވެ. އެޑިޔުކޭޝަން ބުނެފައި ވަނީ، ކޮވިޑުގެ ހާލަތު ގޮތް ގޮތުން އެންމެ އަވަހަށްވެސް ސްކޫލުތައް ހުޅުވާނީ ޓާމް ބަންދަށް ފަހުގައި ކަމަށެވެ. އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ޓާމް ބަންދަށް ފަހު ސްކޫލުތައް ހުޅުވަން އޮތީ ޖޫން 14ގަ އެވެ. އެހެންކަމުން ދިރާސީ އާ އަހަރު ފެށޭ ދުވަސް ބަދަލުކޮށްފިނަމަ ދަރިވަރުންނަށް ޗުއްޓީ ލިބޭނެ ދުވަސްތަކަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. އެހެން ނަމަވެސް މި ކަމަކީ ކުރީންވެސް މަޝްވަރާކުރަމުން އައި ކަމެކެވެ.