ޒަކާތް

ފިތުރު ޒަކާތަށް 2.5 މިލިޔަން ރުފިޔާ ދައްކައިފި

މި މޭމަހުގެ ނުވައެއް (ރަމަޟާންމަހުގެ 16) ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސިޓީން ފިތުރު ޒަކާތުގެ ގޮތުގައި، 2،579،857 ރިފިޔާ ދައްކާފައިވާ ކަމަށް އިސްލާމިކް މިިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި އަދަދަކީ، 2019 ވަނަ އަހަރުގެ ރަމަޟާން މަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާއަށް ވުރެ އިތުރު އަދަދެއް ކަމަށެވެ.

2019 ވަނަ އަހަރުގެ ރަމަޟާންމަހުގެ 16 ވަނަ ދުވަހާއި ހަމަޔަށް ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 2،275،465 ރުފިޔާ ކަމަށާއި މިއަހަރުގެ އެމުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ އެޔަށްވުރެ 304،392 ރުފިޔާ އިތުރު އަދެއް ކަމަށްވެސް ވެސް ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،651،286 ރުފިޔާއެވެ.

2018 ވަނަ އަހަރު ލިބިފައިވަނީ 4،487،804 ރުފިޔާއެވެ. އަދި 2017 ވަނަ އަހަރު 4،452،975 ރުފިޔާ ލިބިފައި ވެއެވެ.

މާލޭގައި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހުއެވެ.

މިއަހަރުގެ ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ.

ކޮވިޑް 19 ގުޅިގެން ގާއިމް ކޮށްފައި ވާ ފުރަބަންދާ ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ގޮސްގެންނާއި ކައުންސިލްތަކަށް ގޮސްގެން ޒަކާތް ދެއްކުމާއި، ގޮވާމުން ޒަކާތް ބަލައި ނުގަތުމަށް ނިންމައި ފަސް ގޮތަކަށް އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިިފައެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި އޫރިދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

އުރީދޫ ކަސްޓަމަރުންގެ ތެރެއިން ފޯނުން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އުރީދޫން ޒަކާތް ބަލައިގަންނާނީ މެއިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން ޒަކާތް ދެއްކުމަށް *454*5# ޖެއްސެވުމުން ޒަކާތް ދައްކަން ޖެހޭ ގޮތުގެ ތަފްސީލް ފެންނާނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް "ދިރާގު ޕޭ" މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނީ އެމްއައިބީގެ އޮންލައިން ބޭންކިން "ފައިސާ ނެޓް" މެދުވެރިކޮށާއި، އެމްއައިބީގެ މޯބައިލް ބޭންކިން "ފައިސާ މޮބައިލް" މެދުވެރިކޮށެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެގައުމެއްގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށެވެ. މިގޮތަށް ބެހުމަށް ނިިންމާފައިވަނީ ކޮވިޑް 19ގެ މިހާލަތުގައި ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވާތީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ތިބީ 8764 މީހުން ކަމަށެވެ. އެގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުގައި 7047 މީހުން ފަގީރުންގެ ގޮތުގައި އެބަތިއްބެވެ.

މާލެ، ވިލިމާލެ، ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ، އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ އެވެ. ތައިލެންޑް ހުދު ހަނޑުލުންނަމަ 48 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުންނަމަ 105 ރުފިޔާ އެވެ. ރަތް ހަނޑުލުންނަމަ 65 ރުފިޔާއެވެ. އާދައިގެ ފުށުންނަމަ 12 ރުފިޔާ އެވެ. އާޓާ ފުށުންނަމަ 55 ރުފިޔާ އެވެ. ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އާއްމުކޮށް ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.