އިންޓަނެޓް

އިންޓަނެޓްގެ އަގު ހެޔޮކުރަން، އެއީ އަސާސީ ހިދުމަތެއްކަމަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ: މިނިސްޓަރު މަލީހު

އިބްރާހިމް ޒަކީ

އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކޮށް، އެ ހިދުމަތުގެ ފެންވަރު ރަނގަޅުކު ކުރުމަށް، އެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިނިިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވީ، ރާއްޖޭގައި ދޭ އިންޓަނެޓް ހިދުމަތުގެ ސްޕީޓް ބޮދުތަނުން ރަނގަޅުވާން ޖެހޭ ކަމަށާއި، އަގަށްވެސް އެކަށީގެންވާ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އަދި ރަށްރަށަށް އެ ހިދުމަތް ފޯރުވުމުގައިވެސް ބޮޑުތަނުން ރަނގަޅުވާން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ދަނޑިވަޅަކީ އިންޓަނެޓްގެ ހިދުމަތް، އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ވަގުތު ކަމަށެވެ. އަދި އެކަމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަކީ ސަރުކާރުން ފައްޓަން ޖެހޭ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިންޓަނެޓްގެ ހިދުމަތް ރަނގަޅު ކޮށް އަގު ހެޔޮ ކުރެވޭނީ އެއީ އަސާސީ ހިދުމަތަކަށް ހަދައިގެން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގާނޫނީ ވަކި ޝަހުސެއްގެ ގޮތުގައި އޮތް ކޮމިއުނިކޭޝަން އޮތޯރިޓީ އޯވަސީ ކުރުމުގެ ބާރު މިނިސްޓަރަށް ކޮންމެވެސް ވަރަކަށް ލިބުނު ނަމަވެސް ކުންފުންޏެއްގެ ޕްރައިޒް މެކޭނިޒަމްގެ ތެރެއަށް ސަރުކާރުން ވަދެ ވިއްކަން ވާނީ ވަކި އަގަކަށް ކަމަށް ކަނޑައެޅުމަކީ އެކަމާބެހޭ ގާނޫނުގެ މަފްހޫމެއް ނޫން ކަމަށެވެ.

ސަރުކާރުގެ ވިސްނުން ހުރީ ފްރީމާކެޓް އިކޮނިމީއަކަށް ކަމަށާއި، ޑިމާންޑް އެންޑް ސަޕްލައިއަށް އަގު ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އަސާސީ ހިދުމަތުގެ އަގު ކަނޑައަޅާނީ ރައްޔިތުންނަށް އޮބަހެއްޓޭ ކަތާ އަގަށް ކަމަށް ވެސް ވިދާޅުވިއެވެ.

އިންޓަނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމުން އެ ހިދުމަތުގެ ޓެރިފް ކަނޑައަޅާނީ ސަރުކާރުންނެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ، އިންޓަނެޓުގެ ހިދުމަތުގެ ވާދަވެރިކަން އިތުރު ކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުންކުރާނެ ކަމަށެވެ. އެ ވާދަވެރިކަމުގެ ތެރެއިންވެސް އިންޓަނެޓްގެ ހިދުމަތުން ރަނގަޅު ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާލަތުގައި، ރައިސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތިން ކުންފުނިތަކާ ކުރެއްވި މަޝްވަރާގައި މިހާރުވެސް އިންޓަނެޓުގެ ހިދުމަތަށް ލުއިތަކެއް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ ހިދުމަތް ކަނޑައިނުލުން ކަމަށްވެސް ވިދާޅުވިއެވެ.