ގޭބިސީތަކާއި އިމާރާތްތަކުގެ ހުރިހާ ހިސާބަކަށް އިންޓަނެޓާއި ކަރަންޓާއި ފެން އެއް މިންވަރެއްގައި، ފޯރުކޮށްދިނުމަށް ލާޒިމުކުރާ ގޮތަށް މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
އެ ގާނޫނަށް އެގޮތަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ގޭބިސީތަކާއި އިމާރަތްތަކަށް ފެނާއި ކަރަންޓާއި ނަރުދަމާއާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ގޭބިސީއަކަށް ފޯރުކޮށްދޭ ހިދުމަތް، އެ ގޭބިސީއެއްގެ ނުވަތަ އިމާރާތެއްގެ ހުރިހާ ހިސާބަކަށް އެއް މިންވަރަކަށް، އެއްބާރުމިނުގައި އަދި އެއް ހަލުވި މިނެއްގައި ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އަދި އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
އަދި އެކަން ކުރުމަށް ހިދުމަތް ދޭ ފަރާތުން، ހިދުމަތް ލިބިގަންނަ ފަރާތުން އިތުރު އެއްވެސް ފީއެއް ނަގައިގެން ނުވާނެ ކަމަށާއި ހިދުމަތް ފޯރުކޮށް ދޭ ފަރާތުން އެއިން ކަމަކާ ހިލާފުވެއްޖެ ނަމަ، ހިދުމަތް ލިބިގަންނަ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އިސްލާހުގައިވާ ގޮތުން ޕްރައިވެޓް، ޕަބްލިކް އަދި ސަރުކާރު ކުންފުނިތަކުންވެސް އެ އިސްލާހުތަކާއި އެއްގޮތަށް އަމަލުކުރަންޖެހެއެވެ.