އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އުމުރުފުރާ ކަނޑައަޅަން ނިންމައިފިއެވެެ.
އޮސްޓްރޭލިއާގެ ކުޑަކުދީންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ދަށުން އެ ގައުމުގައި ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެ އުމުރުފުރާއެއް ކަނޑައެޅުމަށް މަސައްކަތް ފެށުމާއެކު ޑިޖިޓަލް ރައިޓްސް އެޑްވޮކޭޓުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސްގެ ސަރުކާރުން ވަނީ މިއަހަރު ތެރޭ ގޮތެއް ނިންމައި އެ ގައުމުގައި ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެ ވަކި އުމުރުފުރާއެއް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ ދޭނީ ކޮން އުމުރުފުރާއަކުން ފެށިގެން ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން 16 އަހަރުން މަތީގެ ކުދީންނަށް ސޯޝަލް މީޑިއާ ބޭނުން ކުރެވޭގޮތް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޮސްޓްރޭލިއާއިން އެ އިސްލާހު އެ ގައުމުގެ ގާނޫނުގައި ހިމަނައިފި ނަމަ އެ ގައުމު ވެގެން ދާނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާ ބޭނުން ކުރާނެ އެންމެ ދަށް އުމުރުފުރާ ކަނޑައެޅި ގައުމުކަމުގައެވެ.
މީގެ ކުރިން އީޔޫގެ ބައެއް ގައުމުތަކުން ވެސް ވަނީ އެފަދަ ގާނޫނަކަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ހައްގުތަކަށް ވަކާލާތު ކުރާ މީހުންގެ ސަބަބުން އެކަން ވަނީ ނާކާމިޔާބު ވެފައެވެ.