ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންނުދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރުމަށް ސަރުކާރުން ބިލެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނުދާ ކަމަށެވެ. އަދި އެފަދަ ބިލެއް ހުށަހެޅުމަށް ސަރުކާރުގެ ލެޖިސްލޭޓިން އެޖެންޑާގައި ވެސް ހިމަނައިފައިނުވާނެ ކަމަށާއި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ހުށަނާޅާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
"ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ރެގިއުލޭޓް ކުރުމާ އެކު ސެލްފު ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމުކޮށް ދެމެހެއްޓުން،" ހީނާ ވިދާޅުވިއެވެ.
ހީނާ އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް "ސަން އޮންލައިން" އަށް ދެއްވި އިންޓަވިއެއްގައި އެފަދަ ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ނާޒިމް ވިދާޅުވެފައިވަނީ ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓް ކުރެވޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ބިލެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ ބިލުގެ މަސައްކަތް ކުރަމުންދާތާ ދެމަހެއްހާ ދުވަސް ވެފައިވާ ކަަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ. އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމާ އެކު މި ދައުރުގެ ތެރޭގައި އެ ބިލު ހުށަހަޅުއްވައި، ހިޔާލަށް ފުރުސަތު ހުޅުވައިލެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެއެވެ.