މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ގޮތަށް "ނައުއެމްވީ"ގެ ނަމުގައި ދިރާގުން ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން ބުނީ ނަމާދު ގަޑިތަކާއި މީރު ކާއެއްޗެހީގެ ރެސިޕީތަކާއި ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި މުހިންމު ކަންތައްތަކަށް ރިމައިންޑާ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތައްތައް ކަމަށެވެ.
ނަމަވެސް މި ދުވަސްވަރަކީ ހުރިހާ ކަމެއްހެން ގޭގައި ރައްކާތެރިކަމާއެކު ތިބިގެން ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ކުރަން ޖެހިފައިވާ ދުވަސްވަރަކަށްވީ ހިނދު، ދިރާގު "ނައުއެމްވީ" އެޕްގެ ބޭނުމަކީ އެ އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.
އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯ އިން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭ މި އެޕްގައި ރޯދަ މަހަށް ހާއްސަ ގިނަ ފީޗާތަކެއް ވެސް ވަނީ ހިމަނައިފައެވެ.
އެގޮތުން "ނައުއެމްވީ" އެޕް މެދުވެރިކޮށް ނަމާދު ގަޑިތަކުގެ ނޮޓިފިކޭޝަން ސެޓްކޮށް، ރޯދަ ވީއްލަން ތައްޔާރުކުރާނެ ކާއެއްޗެހީގެ ރެސިޕީ ހޯދައި އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗާތައް ހިމެނެއެވެ. އޭގެ އިތުރުން ނައު އެޕް މެދުވެރިކޮށް، "ދިރާގު ޕޭ"ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.
ދިރާގުން ބުނީ، ކުރިއަށް އޮތްތަނުގައި އެޕް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ބޭނުންވާ ފަދަ ފީޗާތައް ހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.