ޓްރީޓޮޕް ހޮސްޕިޓަލް

ކޮވިޑުގެ ހާލަތު މެދުވެރިވުމުން 25 މުވައްޒަފަކު ވަކިކޮށްފައި ވާނެ، އެކަން ކުރީ އޮންނަ އުސޫލުގެ ތެރޭން: ޓްރީޓޮޕް

މަރިޔަމް ޝަހުދާ

ކޮވިޑުގެ ހާލަތު މެދުވެރިވުމުން 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވާނެ ކަމަށާއި އެކަން ކުރީ އޮންނަ އުސޫލުން ގާނޫނާއި ގަވައިދުގެ ތެރޭން ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ޓްރީޓޮޕުގެ ވިޔަފާރި %70 ދަށްވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން މަދު ކުރަން ޖެހުނު ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

މީގެ އިތުރުން ޑޭވިޑް ވިދާޅުވީ ކޮވިޑް 19ގެ ޓްރީޓްމަންޓް ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓާ ބަދަލު ކުރުމުން އާންމު ރައްޔިތުންނަށް ހޮސްޕިޓަލުންދޭ ހިދުމަތްތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހޮސްޕިޓާ ހިންގުމުގެ ކަންކަމަށް ބައެއް މުވައްޒަފުން ބޭނުންނުވާނެ ކަމަށް ޑޭވިޑް ފާހަގަކުރެއްވިއެވެ. ޑޭވިޑް ވިދާޅުވީ މިކަމާ ހުރެ 25 މުވައްޒަފެއް ވަޒީފާއިން ވަކިކުރަން ޖެހުނު ކަމަށެވެ.

މި 25 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ އެއްގޮތުގެ މަތިން ކަމަށް ޑޭވިޑް ވިދާޅުވިއެވެ. އަދި އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ހޮސްޕިޓަލުން އެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ދިނުމަށްފަހު ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް 19ގެ އެމަޖެންސީ ހާލަތު ނިމުމަކަށް އައިހާ އަވަހަކަށް، އެންމެ ފުރަތަމަވެސް ޓްރީޓޮޕުން އަލުން ވަޒީފާއަށް ނަގާނީ މި 25 މުވައްޒަފުން ކަމަށް ޑޭވިޑް ވިދާޅުވިއެވެ.