ޚަބަރު

ކެންސަރު ސޮސައިޓީގެ "ޔުނައިޓެޑް ބައި ޔުނީކް" އިވެންޓްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ކެންސަރު ސޮސައިޓީން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ "ޔުނައިޓެޑް ބައި ޔުނީކް" އިވެންޓްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

މި އިވެންޓް ބާއްވައިފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަކަށް އާޓިފިޝަލް ބީޗުގައެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ އިވެންޓުގައި އެ ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސްޕެޝަލިސްޓް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު އަމްރު އަދި ކޮންސަލްޓަންޓް އީއެންޓީ ޑރ. ރާޖޭޝް ވާލަންދު ކަމަށެވެ. މި ދެ ޑޮކްޓަރުންނަކީ ވެސް ކެންސަރާ ބެހޭ ޓްރީޓްމަންޓް އަދި ސާޖަރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ އިވެންޓްގައި ޑރ. ރާޖޭޝް އަދި ޑރ. އަމްރު ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ކެންސަރު ބަލިތަކާއި އެ ބަލިތައް ދެނެގަންނާނެ ގޮތްތަކުގެ މުހިންމު މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. މީގެ އިތުރުން ކެންސަރުގެ ފަރުވާ ހޯދަމުންދާ އިރު، ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދެއްވައިފައެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ބާއްވާ އެ ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ އެ ހޮސްޕިޓަލުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.

ދުނިޔޭގެ ކެންސަރު ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހެވެ.