ކޮވިޑްގެ ބޭނުންތަކަށް ޓްރީޓޮޕް ހޮސްޕިޓާ މިވަގުތު ދީފައިވަނީ ތިން މަހަށް ކަމަށާއި މި މުއްދަތުގައި އެ ހޮސްޕިޓަލުގެ އޯނަރުން މަހަކު 20 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް ވަނީ ނެޝަނަލް ކޮވިޑް ޓްރީޓްމަންޓް ސެންޓަރަށް ބަދަލު ކުރެވިފައި ކަމަށެވެ. އަދި ބުދަ ދުވަހުން ފެށިގެން އާންމުންނަށް ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ޑޭވިޑް ވިދާޅުވީ ކޮވިޑް 19ގެ ކަންކަމަށް ޓްރީޓޮޕް ހޮސްޕިޓަލު ދިނުމަށް ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ބޯޑް މެންބަރުން ކަމަށެވެ. އަދި މި ނިންމުމަކީ އާންމުންނަށް ހޮސްޕިޓަލުން ހިދުމަތްދިނުމަށް ނިންމި ނިންމުމެއް ކަމަށް ޑޭވިޑް ވިދާޅުވިއެވެ.
އެގޮތުން ޓްރީޓޮޕްގެ ޑިރެކްޓަރުން ސަރުކާރަށް އެ ހޮސްޕިޓާ ދިނުމަށް ނިންމާފައިވަނީ ކޮވިޑް 19ގެ ކަންކަމަށް ބޭނުން ކުރުމަށް ތިން މަހުގެ މުއްދަތަކަށް ކަމަށާއި އެއީ މިހާރު ޓްރީޓޮޕްގައި މަސައްކަތް ކުރާ ޓީމާއެކު ކަމަށް ޑޭވިޑް ވިދާޅުވިއެވެ. އަދި މި ތިން މަހުގެ މުއްދަތުގައި ޓްރީޓޮޕްގެ ގިނަ ހަރަދުތަކެއް ބަލަހައްޓާނީ އެ ހޮސްޕިޓަލުގެ ޝެއާހޯލްޑަރުން ކަމަށާއި އެއީ މުވައްޒަފުންގެ މުސާރައާއެކު މަހަކަށް 20 މިލިއަން ރުފިޔާގެ އަދަދެއް ކަމަށް ޑޭވިޑް ވިދާޅުވިއެވެ.
މީގެ އިތުރުން މި މުއްދަތުގައި ޓްރީޓޮޕަށް ބޭނުންވާ އެހެނިހެން ރިސޯސަސްތައް ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެގޮތުން މެޑިކަލް އިކުއިޕްމަންޓާއި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސްފަދަ ތަކެތި ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޑޭވިޑް ވިދާޅުވިއެވެ.
ޑޭވިޑް ވިދާޅުވީ މިހާރު ޓްރީޓޮޕްގައި ތިބި މުވައްޒަފުންގެ އިތުރަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެކަން ސަރުކާރުން ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެންޑީއޭއެމުން މި ތިންމަހުގައި ޓްރީޓޮޕްގެ ޔޫޓިލިޓީ ހަރަދުތައް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ޑޭވިޑް ވިދާޅުވިއެވެ.