ސްޕެނިޝް ލަލީގާގެ ޓޭބަލްގެ އެންމެ ފުލުގައި އޮތް ލެގަނޭސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެއެވެ.
މި މެޗުން ބާސެލޯނާ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާއިން ލަނޑެއްޖަހާފައި ވަނިކޮށް ލެގަނޭސްއިން ވަނީ ފަހަތުން އަރާ ދެލަނޑު ކާމިޔާބިކޮށް މުޅި ދުނިޔެ ސިއްސުވާލާފައެވެ.
ލެގަނޭސްގެ ދަނޑުގައި ކުޅުނު މިމެޗަށް އެޓީމު ނިކުތްއިރު އެންމެފަހުން ލީގުގައި އެޓީމު ކުޅުނު ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ބާސެލޯނާގެ ފިލިޕް ކުޓީނިއޯ ވަނީ އެޓީމަށް ލީޑުނަގައިދީފައެވެ. އޭރިޔާ ބޭރުން ފޮނުވާލި ވޮލީއަކުން ކުޓީނިއޯ މިލަނޑު ކާމިޔާބު ކޮށްފައިވަނިކޮށް، މެޗުގެ ދެވަނަ ހާފުގެ 52 ވަނަ މިނެޓާއި 53 ވަނަ މިނެޓުގައި ލެގަނޭސްއިން ވަނީ ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ނަބީލް އެލްޒާރު އާއި ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން އެޓީމަށް ކުޅެމުން އަންނަ އޮސްކާ ރޮޑްރިގުއޭޒްއެވެ. އޮސްކާގެ ލަނޑަކީ ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މިއީ 2017 ވަނަ އަހަރު ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވާޑް އެޓީމާ ހަވާލުވިފަހުން ލީގުގައި ބަލިވި ދެވަނަ މެޗެވެ.