ކޮވިޑް 19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލަފައިވާ އިޓަލީގެ ފުޓްބޯޅަ ހަރަކާތްތައް ފެށުމަށް ކުލަބުތަކުން ތައްޔާރު ވެއްޖެ އެވެ.
އިޓަލީގެ ބައެއް ހިސާބުތަކަށް ނިސްބަތްވާ ކުލަބުތަކުން، މިއަދު ޕްރެކްޓިސް ފެށުމަށް ނިންމާފައިވާއިރު ސަސުއޯލޯއިން ވަނީ މިއަދު ޕްރެކްޓިހަށް ނުކުންނަން ތައްޔާރުކަން އިއުލާން ކޮށްފަ އެވެ. އިޓަލީގެ ކްލަބުތަކުން މިކަން އިއުލާނުކޮށްފައިވާއިރު އެގައުމުގެ ހުރިހާ ސަރަހައްދެއްގައި ކޮވިޑު 19 މުޅިން ކޮންޓްރޯލް އަދި ނުކުރެވެ އެވެ.
ކޮވިޑް 19 އާ ގުޅިގެން އިޓަލީ ލޮކްޑައުންއަށް މިހާރުވެސް ލުއިތައް ދޭން ފަށާފައިވާއިރު، އެގައުމުގެ ސަރުކާރުން ވިސްނާފައި ވަނީ، މި މަހު 18 ވަނަ ދުވަހު ލޮކްޑައުންއަށް އިތުރު ލުއިތަކެއް ދޭށެވެ. އަދި އެ ތާރީހުން ފެށިގެން ޓީމު ސްޕޯޓްސްގެ މުބާރާތްތައް ފެށުމަށެވެ.
އިޓަލީގެ އިންޓީރިއާ މިނިސްޓްރީން ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް ގައިދުރުކަން ކަށަވަރުކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.
އިޓަލީގެ އިތުރުން އިނގިރޭސި ބައެއް ކުލަބުތަކުންވެސް ވަނީ ޕްރެކްޓިސްތައް ފަށައިފައެވެ. އަދި އެގައުމުގެ އެތެރޭގެ ލީގުތައް ފެށުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.