ޔޫއެފާ ނޭޝަންސް ލީގު

ފްރާންސާއި ޕޯޗުގަލް އަދި އިޓަލީވެސް ބަލި، ސްޕެއިނާއި ނެދަލޭންޑްސް އެއްވަރު

ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ޕޯޗުގަލް އަދި އިޓަލީ ބަލިވި އިރު، ނެދަލޭންޑްސްއާއި ޗެމްޕިއަންސް ސްޕެއިން އެއްވަރުވެއްޖެއެވެ.

ނޭޝަންސް ލީގުގެ ކުއާޓާ މެޗުތައް ރޭ ކުޅެފައިވާ އިރު، ކްރޮއޭޝިއާއިން އަމިއްލަ ދަނޑުގައި ފްރާންސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭވެސް އަލުން އަނބުރާ ގައުމީ ޓީމުގެ މެޗުތަކަށް ރޭ ނުކުމެފައިވާ އިރު، ފުރަތަމަ މިނެޓުން ފެށިގެންވެސް ފްރާންސް ވަނީ އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ. އަށްވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބި، އަންދްރޭޖް ކްރަމަރިޗް އަތުން ޕެނަލްޓީ ބޭކާރުވިއެވެ.

އޭގެފަހުންވެސް ކްރޮއޭޝިއާއިން ނުރައްކާ ކުރަމުން ގޮސް، 26 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެއީ އަންޓޭ ބުޑިމީރް ޖެހި ގޯލުންނެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން އިވާން ޕެރިސިޗް ޖެހި ގޯލުން ކްރޮއޭޝިއާ ލީޑު ފުޅާކުރި އިރު، ދެވަނަ ހާފަށް ނުކުމެ ފްރާންސް ނުރައްކާ ކުރި ނަމަވެސް، ގޯލެއް ނުޖެހުނެވެ.

ޕޯޗުގަލް ކައިރިން ޑެންމާކު، އަމިއްލަ ދަނޑުގައި މޮޅުވީ 1-0 އިންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ކްރިސްޓިއަން އެރިކްސަން އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، 78 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުންޑް ވަނީ ޑެންމާކުގެ ހަމައެކަނި ގޯލު ޖަހައިދީ، ފުރަތަމަ ލެގުން މޮޅުކޮށްދީފައެވެ.

އިޓަލީއާއި ޖަރުމަނުން ފުރަތަމަ ލެގު އިޓަލީ ދަނޑުގައި ކުޅުނު އިރު، 2-1 އިން ޖަރުމަނު މޮޅުވީ ފަހަތުން އަރައެވެ.

މެޗު ފެށިގެން މާ ގިނައިރެއް ނުވެ އިޓަލީގެ ސާންޑްރޯ ޓޮނާލީ ގޯލެއް ޖަހައި ލީޑު ނެގި ނަމަވެސް، ޖަރުމަނުން ވަނީ ދެވަނަ ހާފުގައި ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ ޓިމް ކްލެއިންޑިއެންސްޓާއި ލެއޯން ގޮރެޓްސްކާއެވެ.

އެންމެފަހުގެ ޗެމްޕިއަން ސްޕެއިނާއި ނެދަލޭންޑްސް ވާދަކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުނު އިރު، އެ މެޗުގެ ނުވަ ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީ ނިކޯ ވިލިއަމްސްއެވެ. އެއީ ޕެޑްރީގެ އެސިސްޓަކުންނެވެ.

ހާފު ނިމުމުގެ ކުރިން ކޯޑީ ގަކްޕޯ ޖެހި ގޯލަކުން ނެދަލޭންޑްސް މެޗު އެއްވަރުކުރި އިރު، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ޖެހި ގޯލަކުން ނެދަލޭންޑްސް ލީޑު ނެގިއެވެ.

އެޓީމަށް ލީޑު ދަމަހައްޓަން ދިމާވި އެންމެ ބޮޑު ދައްޗަކީ ފަހުކޮޅުގައި ޖޮރެލް ހާޓޯއަށް ރަތް ކާޑު ދެއްކުމެވެ. އެއާއެކު ކުޅުންތެރިޔަކު މަދުކޮށް ކުޅެނިކޮށް، ސްޕެއިނުން ފަހުވަގުތު އެއްވަރުކުރީ މިކޭލް މެރީނޯގެ ގޯލުންނެވެ.

ނޭޝަންސް ލީގު ކުއާޓާ ފައިނަލްގެ އަނެއް ލެގުގެ މެޗުތައް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ.