ޔޫއެފާ ނޭޝަންސް ލީގު ކުއާޓާ ފައިނަލްގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ސްވިޒަލޭންޑްގެ ނިޔޯންގައި ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަނުގެ ކުއާޓާ ފައިނަލް ގުރުނެގުން މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަން ސްޕެއިނުން ވާދަކުރަން ޖެހުނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.
އޭގެ އިތުރުން ވަރުގަދަ ޖަރުމަނުން ނުކުންނާނީ އެ ގައުމުގެ ތާރީހީ ވާދަވެރިއެއް ކަމަށްވާ އިޓަލީއާ ދެކޮޅަށެވެ. އެންމެ ފުރަތަމަ ނޭޝަންސް ލީގު ކާމިޔާބު ކުރި ޕޯޗުގަލް އިން މި ފަހަރުގެ ކުއާޓާގައި ޑެންމާކާ ދެކޮޅަށް ނުކުންނަން ޖެހުނުއިރު، އޭގެފަހުން ނޭޝަންސް ލީގު ހޯދި ފްރާންސުން ކުއާޓާގައި ވާދަކުރާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ކުޅޭނީ ހޯމް އެންޑް އަވޭ ދެ ލެގަށެވެ. މެޗުތައް މާޗު މަހު ކުޅެން ނިންމާފައިވާ އިރު، ސެމީ ފައިނަލް ޖޫން މަހު އޮންނާނީ އެއް ލެގުގެ މެޗެއްގެ ގޮތުގައެވެ. އޭގެފަހުން ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީވެސް ޖޫން މަހުގެ ތެރޭގައެވެ.
މިފަހަރު ނޭޝަންސް ލީގުގެ ކުއާޓާއަށް ދިޔަ ޓީމުތަކަށް ބަލާއިރު، އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ޖަރުމަނުންވެސް ކުއާޓާއަށް ދިޔައީ ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި މެޗަކުން ބަލިނުވެއެވެ. ދެން އެ ޕޮޓަށް ދިޔައީ އަނެއް ގްރޫޕްގެ އެއްވަނަ ފްރާންސެވެ.
ސްޕެއިނާއި ނެދަލޭންޑްސް އިން އެންމެފަހުން ވާދަކޮށްފައިވަނީ 2020 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. އެއީ އެކުވެރިކަމުގެ މެޗެއްގައެވެ. އޭގެ ކުރިން ވާދަވެރި މުބާރާތެއްގައި ދެ ޓީމުން އެންމެފަހުން ވާދަކުރި މެޗަކީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗެވެ. އެ މެޗުގައި ނެދަލޭންޑްސް އިން ވަނީ އޭރު ދުނިޔޭގެ ޗެމްޕިއަން ސްޕެއިން 5-1 އިން ބަލިކޮށްފައެވެ.