ދުނިޔެ

އިޓަލީގެ އަވަށެެއްގައި ބަލިވުން މަނާކޮށްފި

މުހައްމަދު އައުޒަމް

އިޓަލީގެ އަވަށެެއްގައި ބަލިވުން މަނާކޮށްފިއެވެ.

އިޓަލީގެ ދެކުނު ސަރަހައްދެެއްގައި އޮންނަ ބެލްކަސްޓްރޯ ނަމަކަށް ކިޔާ ކުޑަ އަވަށަކުން ވަނީ އެއަވަށުގައި ދިރިއުޅޭ މީހުން ބަލި ވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އެކަން އިއުލާންކޮށްފައެވެ.

ބެލްކަސްޓްރޯ އަަވަށުގެ މޭޔަރު އެންޓޯނިއޯ ޓޯޝިއާ ވަނީ އެގައުމުގެ އާންމުން ހުރިހާ ބައްޔަކުން ރައްކާތެރިވެ ތިބުމަށާއި ހާއްސަކޮށް އިމަޖެންސީ ހާލަތެއް މެދުވެރިވެދިޔަ ނުދިނުމަށް އަންގައިފައެވެ.

އެންޓޯނިއޯ ވަނީ އެ އަވަށުގައި ސިއްހީ ހިދުމަތް ލިބުމަކީ އުނދަގޫ ކަމެއް ކަމަށާއި ބަލިވުން ހުއްޓާލުމަކީ މިހާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ފާހަގަކޮށްފައެވެ.

އާބާދީގައި 1300 މީހުން ދިރިއުޅޭ ބެލްކަސްޓްރޯ އަަވަށުގެ ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ސިއްހީ ފަރުވާ ދިނުމަށް ކްލިނިކެއް ހުރި ނަމަވެސް އެތަނަކީ ގިނަ ވަގުތު ބަންދުކޮށްފައި ހުންނަ ތަނެއް ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

ބެލްކަސްޓްރޯ އަަވަށާ އެންމެ ގާތުގައި އަވަސް ފަރުވާ ދޭ ތަކެއް ހުންނަނީ 45 ކިލޯމީޓަރު ދުރުގައި އޮންނަ އެހެން އަވަށެއްގެ ހެލްތް ސެންޓަރެކެވެ.