އިބްރާހިމް ޒަކީ
ތިން އަހަރުގެ މުއްދަތަށް އިންތިހާބު ކޮށްފައިވާ ކައުންސިލަރުންގެ މުއްދަތު، އަންނަ ޖޫން މަހުގެ 3 އަށް ހަމަވާއިރުވެސް، ކައުންސިލް އިންތިހާބު ނުބޭއްވޭނެތީ، މުއްދަތު ހަމަވިޔަސް އެ ކައުންސެލަރުން މަގާމުތަކުގައި ތިބެވޭ ގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭޕްރީލް މަހުގެ 4 ގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް 19 އާ ގުޅިގެން ބޭއްވޭނެ މާހައުލެއްް ނެތުމުން، އެ އިންތިހާބުގެ ވޯޓުލުން އަހަރެއްހާ ދުވަހަށް ފަސް ކުރެވޭ ގޮތަށް ގާނޫނަކުން ވަނީ ކަނޑައަޅައިފައެވެ.
އެހެން ނަމަވެސް މިހާރު އިންތިހާބު ކޮށްފައި ތިބި ކައުންސެލަރުންގެ މުއްދަތު އަންނަ ޖޫން މަހުގެ 3 އަށް ހަމަވާނެ އެވެ. އެހެންކަމުން ކައުންސިލް އިންތިިހާބުުގެ ވޯޓުލުން ބާއްވައި އާ ކައުންސެލަރުންތަކެއް އިންތިހާބު ކުރަންދެން ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގައި ވަނީ ބަހުސް ކޮށްފައެެވެ.
ނަމަވެސް މިއީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތުކަމުން ކުއްލި ނުރައްކަލުުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަަމަށް ގިނަ މެންބަރުންތަކެއް ވިދާޅުވާތީ، މިދަނޑީވަޅުގައި އެކަންވަނީ ކުރެވޭ ގޮތް ނުވެފައެވެ.
އެހެންކަމުން މިިހާރު ތިބި ކައުންސެލަރުންގެ ދައުރު ގާނޫނަކުން ދަންމާލުމަށް، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް 2020" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ފަށައިފައެެވެ.
އެބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލިސް މެންބަރުންގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ގާނޫނު އަސާސީގަިއ ބުނެފައިވާއިރު، ގާނޫނުން އަސާސީން ކަނޑައަޅާފައިވާ ތިން އަހަރުގެ މުއްދަތު އެއަށްވުރެ ދިގުކުރަން މަޖިލީހުގެ ސިމްޕަލް މެޖޯރިޓީިން ފާސްކުރަން ހުށަހެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެެވެ.
މިވަގުތަކީ، ކުއްކި ނުރައްކަލުގެ ހާލަތުގެ ވަގުތުކަން، މިވަގުތު ގާނޫއަސާސީއަށް އިސްލާހު ނުގެނެވުމަކީ، ގާނޫނުއަސާސީއާ ހިލާފަށް ހިންގަން ޖެހޭ ކަމެއްތޯ، ރޮޒެއިނާ ވަނީ ސުވާލުކުރައްވައިފައެވެ.
ރޮޒެއިނާ ވިދާޅުވީ އެވަރުގެ ބޮޑު މެޖޯރިޓިއަކުުން ގާނޫނުއަސާސީއަށް ބަދަލު ގެނެވޭ ގޮތަށް ކަނޑަޅާފައި އޮންނައިރު، ސިންގަލް މެޖޯރިޓިއަކުން އެވަރުގެ ކަމެއް ކުރުމަކީ މަޖިލީހުގައި ގާއިމްކުރާ ވަރަށް ނުބައި އުސޫލެއް ކަމަށެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ އެ އުސޫލު ގާއިމް ކޮށްފިނަމަ، ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތްނަމަވެސް، ރިޔާސީ ދައުރު ދިގު ކުރުމަށާއި، މަޖިލީހުގެ ދައުރު ދަންމާލުމަށް ސިންޕަލް މެޖޯރިޓީއަކުން ފުރުސަތު ފަހިވާނެތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ރޮޒެއިނާގެ އެ ކަންބޮޑުން ތަކާއެކުވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލް ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އަދި ބިލް އިތުރަށް ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.