އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ މުއްދަތެއް ކަނޑައެޅުމަށް ސަރުކާރުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" މިނިވަންމުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހަށް ފޮނުވިއިރު ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، ރަނގަޅަށް ދިރާސާކޮށްފައި ނުވާކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމުން އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެކަން ކުށްވެރި ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އެ ބިލް ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓް ހުށަހެޅުމުން، ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް ދާ މައްސަލަތައް ފަސްމިނިޓުން ނުވަތަ 10 މިނިޓުން ނިންމުމަށްފަަހު އަނބުރާ މަޖިލިސް ތަޅުމަށް ފޮނުވާ ކަމަށެވެ.
ކޮމިޓީއަށް މަސައްކަތެއް ފޮނުވުމުން އެމަސައްކަތެއް ވީހާވެސް ރަނގަޅަށް ކުރަންޖެހޭ ކަމަށާއި، އެކަން ދިރާސާކުރުމަށްޓަަކއި، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ކޮމިޓީތަކުން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާ ކަންތައްތައް ރަނގަޅަށް ދިރާސާ ނުކޮށް، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް، ކަންކަން ތަންފީޒުކުރަން ތިބޭ ފަރާތްތަކާ ވާހަކަ ނުދައްކައި އަވަސް އަރުވާލައިގެން ފޮނުވުމުން ޖެހިގެން އަންނަ ދުވަހު އެއަށް އިސްލާހު ހުށަހަޅަންޖެހިފައި އޮންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީިން ދިރާސާކޮށް ފޮނުވި އެބިލަށް އިޝާރާތް ކުރައްވައި އަލީ އާޒިމް ވިދާޅުވީ މިއަދުވެސް ކަންތައް ކޮށްފައިވަނީ ހަމަ އެގޮތަށް އަވަސް އަރުވާލައިގެން ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެބިލުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން، މެންބަރު 10 އިސްލާހެއް ގެންނަން ހުށަހެޅުއްވިއެވެ. އެކަމަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވީ، ބިލަސް އެހާ ގިނަ އިސްލާހު މެންބަރުން ހުށަހަޅުއްވަން ޖެހެނީ ރަނގަޅަށް ދިރާސާ ނުކުރާތީ ކަމަށެވެ. އެގޮތަަށް ކޮމިޓީތަކުން ގެންނަ ބިލްތަކަށް ޖެހިގެން އަންނަ މިނެޓުގައި އިސްލާހު ހުށަހަޅަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ މި ވާހަކަތަކަށް ރޮޒެއިނާ ޖަވާބު ދެއްވީ މަޖިލިސް ތަޅުމަކު ނޫނެވެ. ނަމަވެސް ކުރެއްވި ޓުވީޓަކުންނެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ އަގު ވެއްޓޭ ގޮތަށް ދެއްކެވި ވާހަކަ އެ ކޮމިޓީގެ ޗެއާގެ ހައިސިއްޔަތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެ މިބިލް ސަރުކާރުން މަޖިލީހަށް ފޮނުއްވީ ކޮމިޓީގެ އިސްނެގުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެޓާނީ ޖެނެރަލް (އޭޖީ) އާ ކުރެވުނު ދިގު މަޝްވަރާ ތަކަކަށް ފަހުގައި ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.
"މިކޮމިޓީއަކީ މި ކޮމިޓީގެ މަސްއޫލއިްޔަތުގެ ދަށުގައިވާ ކޮމިޝަންތަކުން މަޝްވަރާކުރަން ބޭނުންވާ ކޮންމެ ކަމެއްގައި ފަސޭހައިން މަޝްވަރާ ކުރެވޭ ގޮތަށް އޮންނަ ކޮމިޓީއެއް އަދި އެބޭފުޅުންގެ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން އަބަދުވެސް ސަމާލުކަންދީ އެޓެންޑް ކުރާނަން،" ރޮޒޭ އިތުރަށް ވިދާޅުވިއެވެ.