ނިއުޒިލެންޑް

ކޮވިޑް 19 : ނިއު ޒިލޭންޑުގައި ބަލި ކޮންޓްރޯލު ވެއްޖެ، ލޮކްޑައުނަށް ލުއި ތަކެއް

މިންހާ ފާއިޒް ރަޝާދު

ނިއު ޒިލޭންޑުގައި ކޮވިޑް19 ކޮންޓްރޯލު ވެއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

އިއްޔެ އެގައުމުގެ ޑިރެކްޓަރު ޖެނެއަލް އޮފް ހެލްތު، އެޝްލީ ބްލޫމްފީލްޑް ނޫސްވެރިންނާ ބައްދަލުރައްވައި ދެއްވި އެ އުފާވެރި ހަބަރުގައި ވިދާޅުވީ އެގައުމުގައި ބަލި ފެތުރިފައިވާ ލެވެލް ހަތަރަކުން ތިނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއާއެކު ގައުމުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ގިނަ ލުއިތަކެއް އާންމުންނަށް ލިބިގެންދާނެކަމަށެވެ.

އޭޝްލީ ވިދާޅުވީ އެގައުމުގައި އިއްޔެ ބައްޔަށް ޕޮޒިޓިވް ވެގެން ފެނިފައިވަނީ އެންމެ މީހެއް ކަމަށާއި ދެން ފެނިފައިވަނީ ހަތަރު "ޕްރޮބަބަލް" ކޭސް ކަމަށެވެ. އަދި މަރުވީވެސް އެންމެ މީހެކެވެ.

"މިހާ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ފެނިފައިވުމުން އޭގެ މާނައަކީ ބަލި ނައްތާލަން މިކުރާ މަސައްކަތް ކާމިޔާބުވާކަން. އެކަމަކު މިބުނަނީ ޒީރޯ ވީއެކޭ ނޫން، ނަމަވެސް މިހާރު ބަލި އަންނަ ދިމާތައް އެނގޭވާހަކާ މިބުނަނީ" އޭޝްލީ ވިދާޅުވިއެވެ.

ނިއު ޒިލޭންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާން ވިދާޅުވީ މިވަގުތު އެގައުމުގައި ބަލި ގާތްގަނޑަކަށް ނައްތާލެވިފައިވާކަމަށެވެ. ނަމަވެސް ގައުމު އަދިވެސް އޮންނަން ޖެހޭނީ އެލާޓުގައި ކަމަށާއި ބައްޔަށް ޕޮޒިޓިވް އިތުރު މީހުން ފެނުމުގެ ފުުރުސަތުވެސް އެބައޮތް ކަމަށް ޖަސިންދާ ވިދާޅުވިއެވެ.

"އެހެންވީމާ ބަލި ނައްތާލެވިއްޖެއޭ މިބުނަނީ ޒީރޯއަށްވެސް ގޮސްދާނެތީ ނުވަތަ މަދު މަދުން ކޭސްތަކެއްވެސް ފެނިދާނެ ކަމުގެ ފުރުސަތުވެސް އޮވެދާނެ ކަމަށް ބަލާފަ. އެކަމު އަހަރެމެން ފެއިލްވީކީ ނޫން. އޭގެ މާނައަކީ އަހަރުމެން މިތިބީ ބަލިން ރައްކާތެރިވުމަށާއި، ބަލި މެނޭޖްކޮށް ވީހާވެސް ދަށް ކުރުމަށް ނުވަތަ އެއްވެސް ވަރަކަށް ނުފެންނަ ވަރަށް މަސައްކަތް ކުރުމަށް ޒީރޯ ޓޮލެރެންސް އެޕްރޯޗެއްގައޭ" ޖަސިންދާ ވިދާޅުވިއެވެ.

ނިއު ޒިލޭންޑުގައި ފާއިތުވި ދުވަސްތަކުގައި ބައްޔަށް ޕޮޒިޓިވް ވި މީހުން ފެނިފައިވަނީ އެއް ނަންބަރުގެ އަދަދުތަކުންނެވެ. ބޮޑު ވަޒީރު ވަނީ ބަލީގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާވެސް ފޮނުއްވާފައެވެ. ހަމައެއާއެކު އެގައުމުގެ ރައްޔިތުން ދެއްކި ނަމޫނާއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"ކުރިން ދިރިއުޅުނު ގޮތާއި މަސައްކަތް ކުރި ގޮތާ މުޅިން ތަފާތުކޮށް އުޅޭތާ މިވީ ފަސް ހަފުތާ، އެކަމަކު އަހަރެމެންނަށް މިވަނީ މިކަން ކާމިޔާބުވެފަ. މިކަން މިވީ ހުރިހާ އެންމެންގެ ބައިވެރިވުން އޮވެގެން" ޖަސިންދާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ނިއު ޒިލޭންޑު ތިން ވަަނަ ލެވެލަށް ވެއްޓިފައިވާއިރު އޭގެ ސަބަބުން ބައެއް ވިޔަފާރިތައް ހުޅުވުމުގެ ފުރުސަތު ލިބި ގެއިން ބޭރަށް ނުކުތުމަށްވެސް ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް މިގޮތަށް ބޭރަށް ދިޔަ ނަމަވެސް ދެމީޓަރުގެ ގައިދުރުކަން ބަހައްޓަން ޖެހެއެވެ.

ސްކޫލުތައްވެސް ބޭނުންވާ މިންވަރަށް ހުޅުވިގެންދާއިރު، މެނުފެކްޗަރިންނާއި ފޮރެސްޓްރީގެ މަސައްކަތްތައް ވެސް ފެށިގެންދާނެއެވެ. އެހެންނަމަވެސް ގޭގައި މަސައްކަތް ކުރެވޭ ފަރާތްތަކުން އަދިވެސް ގޭގައި މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ޓޭކްއަވޭ ކެއުންތައްވެސް އޯޑަރު ކުރެވޭއިރު، ބައެއް ކަހަލަ ކުޅިވަރުތައް ކުޅުމަށްވެސް ހުއްދަލިބިގެންދެއެެވެ. އޭގެ ތެރޭގައި މޫދަށް ދިއުން ހިމެނެއެވެ. ކައިވެނި ހަފުލާއެއް ނުވަތަ ޖަނާޒާއެއްނަމަ 10 މީހުން ބައިވެރިކޮށްގެން ބޭއްވިދާނެއެވެ.

އެހެނަސް، ލައިބްރަރީ ތަކާއި، މިއުޒިއަމް އަދި ޖިމްތައް މެއި 11 އާއި ހަމަޔަށް ބަންދުކޮށްފައި ބަހައްޓަން ވަނީ ނިންމާފައިވެއެވެ.

ނިއު ޒިލޭންޑުގައި ބައްޔަށް ޕޮޒިޓިވްވީ 1469 މީހުންނެވެ. އޭގެ ތެރެއިން މަރުވީ 19 މީހުންނެވެ.