ދިރާގު

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރޯދަމަހަށް ހާއްސަ ޑޭޓާ ވެލިއު ޕެކެއް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރޯދަމަހަށް ހާއްސަ ޑޭޓާ ވެލިއު ޕެކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މި ޑޭޓާ ވެލިއު ޕެކަކީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރެއިން ރޯދަމަހާ ބައްދަލުކުރަން ޖެހުމުން ކަސްޓަމަރުންނަށް ފަސޭހައަކަށް ތައާރަފު ކުރި ޕެކޭޖެއް ކަމަށެވެ.

އެގޮތުން މި ޑޭޓާ ވެލިއު ޕެކް 75 ރުފިޔާއަށް އެކްޓިވޭޓް ކުރުމުން 3 ޖީބީގެ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން މައުލޫމަތުދެއެވެ. އަދި މިއީ މޯބައިލް ޑޭޓާ ހޯދާ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ޕެކޭޖެއް ކަމަށް ދިރާގުން ބުނެއެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ތައާރަފުކުރި މި ޑޭޓާ ވެލިއު ޕެކް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުން ދިރާގު އެޕް ޑައުންލޯޑު ކުރަން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި ރޯދަމަސް ނިމެންދެން މި ޑޭޓާ ޕެކް ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ.

ފާއިތުވި މަސްތަކުގައި މީގެ ކުރިން ބޭނުންނުކުރާ ވަރަށް ދިރާގު ކަސްޓަމަރުން ޑޭޓާ ޕެކް ބޭނުންކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް ދިރާގުން މައުލޫމާތުދިނެވެ. އަދި މިހާރުގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އިންޓަނެޓުގެ ހިދުމަތަށް ބަރޯސާވާން ޖެހޭކަންވެސް ދިރާގުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ހާއްސަކޮށް ރޯދަ މަހު އާއިލާ އާއި ގާތްތިމާގެ މީހުން އަދި ރައްޓެހިންނާއި ބައްދަލުވުން ކުރިއަށް ދާނީ އިންޓަނެޓް ޒަރިއްޔާއިން ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން މިހާރުގެ ހާލަތަށް ބެލުމަށްފަހު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން މިމަހު ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމުން ލިބޭގޮތަށް ހަމަޖެއްސި %50 އިތުރު ޑޭޓާ ލިބުމުގެ ހިދުމަތް އަންނަ މެއި މަހުވެސް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.