އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް

މީ ފުށްފުށްކޮށް އެތިކޮޅުދީ ސަރުކާރުގެ ކަރުގައި ވާޖަހައިގެން ދަމާން ވީ ވަގުތެއް ނޫން: ރޮޒެއިނާ

އިބްރާހިމް ޒަކީ

3

މިވަގުތަކީ ފުއްފުކުން އެތިއެތިކޮޅުދީގެން ސަރުކާރުގެ ކަރުގައި ވާޖަހައިގެން ވާދަމަންވީ ވަގުތެއް ނޫންކަމަށާއި، ސަރުކާރަށް ދަތިކުރަންވީ ވަގުތެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ސަރުކާރަށް ނެގުމުގެ ހުއްދައަކަށް އެދިވަޑައިގެން، ފިނޭންސް މިިނިސްޓަރު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ކުރިއަށް ގެންދާ ބަހުސްގައި، އެކަމަކީ ބްލޭންކް ޗެކެއް ދިނުންފަދަ ކަމެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި، ރޮޒެއިނާ މިއަދު ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވަނީ ބްލޭންކް ޗެކެއް ހޯދުމަށް ނޫން ކަމަށެވެ. އަދި އެއީ ހިތުހުރި ގޮތަކަށް ހަރަދުކުރަން ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، މިއަދު ރާއްޖެއަށް ދިމާވެފައި ވަނީ މުޅި ދުނިޔޭގެ އިންސާނުންނަށްވެސް ކުރިމަތިވެފައިވާ ދަތި އުނދަގޫ ކަންތައްތަކެއް ކަމަށެވެ.

ދުނިޔޭގެ އެހެެން ގައުމުތަކާ އެއްގޮތަށް ރާއްޖެވެސް މިވަނީ އިގްތިސޯދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އަންދާޒާ ކުރި އާމްދަނީ ނުލިބޭނެކަން ކަށަވަރުވާ ހާލު ސަރުކާރުން މަސައްކަތް ކުރަނީ، ރައްޔިތުން ބަނޑަށް ނުޖައްސައި ގެންގުޅެވޭނެ މަގެއް ހޯދުމަށް ކަމަށެވެ.

އެގޮތުން ވަޒީފާތަކުގައި ތިބި މީހުންނަށް މުސާރަ ދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި، ވަޒީފާ ގެއްލިފައިވާ މީހުންނަށް ފައިސާގެ އެހީތެރިކަމެއް ދެވޭނެ ގޮތެއްވެސް ހޯދަން ޖެހޭ ކަމަށާއި، މަސްވެރިން ބާނާ މަހަށް ފައިސާ ދެވޭނެ ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށާއި، ދަނޑުވެރިން އުފައްދާތަކެތި ގަނެވޭނެ ގޮތެއްވެސް ހޯދަން ޖެހޭކަމަަށާއި، ރައްޔިތުންނަށް ފެނާއި ކަރަންޓް ދެވޭނެ ގޮތްވެސް ހޯދަން ޖެހޭ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، އެފަދަ ކަމެއްގައި ސަރުކާރުން ހުށަހަޅާފައިވާ އެ ހުށަހެޅުމަށް މެންބަރުން އެއްބާރުލުން ދެއްވުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، ކަންކަން އޯވަސައިޓް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ސަަރުކާރުން އެފައިސާ ނެގުމަށް އެދިފައިވަނީވެސް އޯވަސައިޓް ނުކުރާގޮތަކަށް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅީގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ޓާސްކްފޯހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ޑެޕިއުޓީ ލީޑަރު ހިމަނާފައިވުމަކީ، މަޖިލީހަށް އޮޅުވާލައިގެން ކަމެއްކުރަން ސަރުކާރުގެ ވިސްނުން ނުގެންގުޅޭކަން ދޭހަވާ ކަމެއް ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެތިއެތިކޮޅު ދީގެން މިދަނޑިވަޅަކީ ސަރުކާރު ކަރުގައި ވާ ޖަހައިގެން ދަމަން ޖެހޭ ވަގުތެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟