ޖަރުމަނުގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރެވިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕާން ބުނީ 12 އޭޕްރިލްގެ ފަހުން އެގައުމުގައި ބަލިން ފަސޭހަވާ މީހުން ބަލި އަލަށް ޖެހޭ މީހުނަށްވުރެ ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ. އިންފެކްޝަން ރޭޓު 0.7 އަށް ވެއްޓިފައިވާ ކަމަށްވެސް ޖެންސް ވިދާޅުވިއެވެ.
ޔޫރަޕުގެ ގައުމުތަކަށް ބަލާއިރު ޖަރުމަނަކީ މި ބަލީގައި އެންމެ މަދު މީހުން މަރުވި ގައުމެވެ. އެއީ 3868 މީހުނެވެ. އެގައުމުން ބައްޔަށް ޕޮޒިޓިވް 134،000އަށް ވުރެ ގިނަ މީހުން ވަނީ ފެނިފައެވެ.
އެއްމަހުގެ ލޮކްޑައުނަކަށްފަހު ބަލި ކޮންޓްރޯލު ކުރެވި ޗާންސެލާ އަންގެލާ މާކެލްވަނީ ލޮކްޑައުނަށް ލުއި ތަކެއް ދޭން ނިންމަވާފައެވެ. އެގޮތުން އަންނަ ހަފުތާ ތެރޭ ބައެއް ފިހާރަތައް ހުޅުވަން ހުއްދަދެއްވި އިރު އަންނަ މަހުން ފެށިގެން ސްކޫލުތައް ވެސް ފައްޓަން ވަނި އަންގަވާފައެވެ. ހާއްސަކޮށް ޓެސްޓުތަކުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުން ފެއްޓުމަށް ވަނީ އަންގަވާފައެވެ.
ނަމަވެސް ކުޅިވަރުތަކާއި ކެފޭ ރެސްޓްރޯރަންޓުތައް އަދިވެސް ހުއްޓުވާފައި ބާއްވަން އަންގެލާ ވަނީ ނިންމަވާފައެވެ.
ޖަރުމަނުގައި ބަލި ކޮންޓްރޯލު ކުރުމަށް ކުރި މަސައްކަތާއި ގުޅިގެން ޖަރުމަނުގެ ލެބްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތައުރީފު ވަނީ ލިބިފައެވެ. މިމަހު ކުރީކޮޅު އެގައުމުގައި ދުވާލަކު އެއްލައްކަ ޓެސްޓު ވަނީ ހަދާފައެވެ. އެގައުމުގައި ބަލި ކޮންޓްރޯލު ކުރުމަށް ބޭނުން ކުރި މެތަޑް އަކީވެސް ގިނަ ބަޔަކު ޓެސްޓު ކުރުމެވެ.
ޖަރުމަނުގެ ބައެއް ސްޓޭޓުތަކުގައި މާސްކު އެޅުން ލާޒިމް ކޮށްފައިވާއިރު ހެލްތު މިނިސްޓަރު ޖެންސް ވިދާޅުވި ގޮތުގައި އޮގަސްޓުމަހު އެގައުމުގައި ހަފުތާއަކު 50 މިލިއަން ފޭސް މާސްކު އުފައްދަން ވަނީ ނިންމާފައެވެ.