ޖަރުމަނަށް މިހާރު ވަގުތެއް ނެތް ކަމަށާއި މިހާރުން މިހާރަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށް ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.
ޖަރުމަނުން ޔޫއެފާ ނޭޝަންސް ލީގުގެ ލީގު އޭގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޖަރުމަނަށް މިހާރު އޮތީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ. އެހެންކަމުން ކޯޗު ނަގެލްސްމަން ބުނީ މިރޭގެ މެޗުގެ ނަތީޖާއަށް މާ ބޮޑަށް ނުވިސްނާ ކަމަށެވެ.
އޭގެ އިތުރުން ނަގެލްސްމަން ބުނީ ޖަރުމަނުން މެޗުތަކަށް ނުކުންނަނީ ސީދާ އެ މެޗަކަށް އެކަނި ވިސްނައިގެން ނޫން ކަމަށާއި، ޓީމުގެ ކުރިއެރުމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ވޯލްޑް ކަޕްގެ ކުރިން މާ ގިނަ މެޗުތަކެއް ނުކުޅެވޭނެތީ އަބަދުވެސް އެކަމަށް ވިސްނާ ކަމަށްވެސް ނަގެލްސްމަން ބުންޏެވެ.
"ގްރޫޕް ސްޓޭޖުގެ ނަތީޖާތަކަށް ވިސްނައިގެން މާ ބޮޑު މަސައްކަތެއް ނުކުރަން. އެކަމަކު ޓީމެއްގެ ގޮތުގައި އަހަރެމެން އެބަޖެހޭ ކުރިއެރުންތަކެއް ހޯދަން. ވޯލްޑް ކަޕްގެ ކުރިން އަހަރެމެންނަކަށް ނުލިބޭ ރަނގަޅު މެޗުތަކެއް. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވިސްނައިގެން، ލިބިފައި އޮތް މަދުވަގުތުގައި އަހަރެމެން ވަރަށް ބޮޑަށް ފޯކަސް މިކުރަނީ ސީދާ ވޯލްޑް ކަޕަށް،" ނަގެލްސްމަން ބުންޏެވެ.
މީގެ ކުރިން ޖަރުމަނުން ވަނީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި އޮންނަ އިރު، ނޭޝަންސް ލީގަކީ ވޯލްޑް ކަޕަށް ތައްޔާރުވާން ރަނގަޅު ފުރުސަތެއް ކަމަށް ޔޫރަޕްގެ ގައުމުތަކުން ދެކެއެވެ.
ޖަރުމަނުން އެންމެފަހުން ވޯލްޑް ކަޕް ތަށި އުފުލައިލީ 2014 ވަނަ އަހަރުއެވެ.