މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2034 ކުރިއަށްދާއިރުވެސް ބަނގުރާ ބޭނުންކުރުމަށް ހުއްދަ ނުދެވޭނެ ކަމަށް ސައުދީ އަރަބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، ޝާހީ އާއިލާގެ ހާލިދު ބަންދާރް އަލް ސައުދު ވިދާޅުވެއްޖެއެވެ.
ދެހާސް ތިރީސް ހަތަރުވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ސައުދީގައި ކަން ފީފާއިން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުގައެވެ. ސައުދީން މިހާރުން ފެށިގެން ވޯލްޑް ކަޕަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާ އިރު، އެގައުމުން ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ކަންކަން ގޮސްފިނަމަ، އެ ވޯލްޑް ކަޕް ވެގެންދާނީ އިންގިލާބީ ވޯލްޑް ކަޕަކަށެވެ.
ސައުދީގައި މިހާރުވެސް ބަނގުރާ ބޭނުންކުރުމަށް ހުއްދަ ދީފައި ނޯންނަ އިރު، އެގައުމުގެ ފަރާތުން ސަފީރު ސައުދު ވިދާޅުވީ، އެ ނިންމުން ވޯލްޑް ކަޕް އޮންނައިރުވެސް އޮންނާނީ އެގޮތަށް ކަމަށެވެ.
"ބަނގުރަލާ ނުލައިވެސް މުނިފޫހިފިލުވާ މަޖާކޮށް ހެދާނެ. އެއީ މަޖާކުރުމަށް އަދި އުފާފާޅުކުރުމަށް ކޮންމެހެން މަޖުބޫރު އެއްޗެއް ނޫން. މެޗުތައް ނިންމާފަ އެނބުރި ގައުމަށް ގޮސް ބަނގުރާ ބޭނުންކުރިޔަސް އަހަރެމެންގެ މައްސަލައެއް ނެތް. އެކަމަކު ސައުދީގައި އެކަމެއް ނުކުރެވޭނެ،" ސައުދު އިނގިރޭސި ރޭޑިއޯ ސްޓޭޝަން އެލްބީސީއަށް ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ އާދަކާދައާއި ސަގާފަތް، އަދި އުސޫލުތަކެއް ހުންނާނެ ކަމަށާއި، އެ އުސޫލުތަކުން ހުރިހާ ބެލުންތެރިންނާއި ސަޕޯޓަރުންނަށްވެސް މަރުހަބާ ކިޔުމަށް ސައުދީ ތައްޔާރު ކަމަށެވެ.
ސައުދީން އެގޮތަށް ނިންމާފައިވާ އިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ބަނގުރާ އާއްމުކޮށް ބޭނުމެއް ނުކުރެވެއެވެ. އެ ނިންމުމަށް ހުޅަނގުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، ގަތަރުން ހެދި އުސޫލަކީ މަދު ފޭން ޒޯންތަކެއްގައި މުސްލިމް ނޫން މީހުންނަށް އެކަނި ބަނގުރާ ބޭނުން ކުރެވޭނެ ގޮތަށް ހެދި އުސޫލެކެވެ.
ބަނގުރަލާ ނުލައި ސަޕޯޓަރުން ގަތަރުގައި އުފާފާޅުކުރި ކުރުމާއެކު، ބައެއް ސަޕޯޓަރުން އެކަން ފާހަގަކުރީ ކުށްތައް މަދުވާ ސަބަބެއްގެ ގޮތުގައެވެ. ހުޅަނގުގެ މީޑިއާތަކުން ގަތަރަށް ފިއްތުންތައް ކުރިމަތިކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ ނިންމުންތައް ފީފާއާއި ސަޕޯޓަރުންވެސް ވަނީ ބަލައިގެންފައެވެ.
ސައުދީގެ ވޯލްޑް ކަޕް ބިޑާއެކުވެސް ހުޅަނގުން އެގައުމުގެ އިންސާނީ ހައްގުތަކަށް ފާޑުކިޔާ، ވޯލްޑް ކަޕަކީ ފައިސާ ދޮންނަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ސިފަކުރަމުން ދެއެވެ.