ދުނިޔެ

ޖަރުމަނުގައި ފުރިބާރުވެފައި އޮތް މާރުކޭޓެއް ތެރޭ ކާރެއް ދުއްވައި ފަސް މީހަކު މަރާލައިފި

މުހައްމަދު އައުޒަމް

ޖަރުމަނުގައި މީހުން ފުރިބާރުވެފައި އޮތް މާރުކޭޓެއްގެ ތެރެއިން ކާރެއް ދުއްވައި ފަސް މީަކު މަރާލައިފިއެވެ.

ޖަރުމަނުގެ މެގްޑެބާގްގައި އިއްޔެ ކުރިޔަށް ދިޔަ ކްރިސްޓިއަން ދީނުގެ މާރުކޭޓަކަށް ކާރު ވަތް ވަގުތު އެތަން އޮތީ އެއްކޮށް ފުރި ބާރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ހާދިސާގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ބުނާއިރު 200 އަށްވުރެ ގިނަ މީހުނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން 50 މީހެއްގެ ހާލު ވަރަށް ދަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު އެމީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެކާރު ދުއްވާފައިވަނީ އުމުރުން 50 އަހަރުގެ މީހެއް ކަމަށް ޖަރުމަނުގެ ފުލުހުން ބުނެއެވެ. އެހާދިސާގައި ކާރު ދުއްވި މީހާ ދެނެގަނެވިފައިވާއިރު އެމީހާ އަކީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ 2006 ވަނަ އަހަރު ޖަރުމަނަށް ހިޖުރަކޮށް އަދި 2016 ވަނަ އަހަރުން ފެށިގެން އެގައުމުގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ޖަރުމަނުގެ ފުލުހުން އަންނަނީ އެހާދިސާ އިތުރަށް ތަހުގީގުކޮށް އެމީހާ އެކަން ކުރަން ބޭނުންވި ސަބަބު ހޯދަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.