ނިއުޒިލެންޑް

ކޮވިޑް 19 : އާއިލާ ގޮވައިގެން ބީޗަށް ވަޑައިގަތުމުން ނިއުޒިލޭންޑުގެ ހެލްތު މިނިސްޓަރުގެ މަގާމު ދަށްކޮށްފި

މިންހާ ފާއިޒް ރަޝާދު

ކޮވިޑް 19އާއި ގުޅިގެން ގައުމު ލޮކްޑައުން ކޮށްފައި ވަނިކޮށް، އާއިލާ ގޮވައިގެން ބީޗަށް ވަޑައިގަތުމާއި ގުޅިގެން ނިއު ޒިލޭންޑުގެ ހެލްތު މިނިސްޓަރު، ޑޭވިޑް ކްލާކް ގެ މަގާމު ދަށްކޮށްފި އެވެ.

މިކަމާ ގުޅިގެން އެގައުމުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާން ވިދާޅުވީ، އިސްތިއުފާދެއްވަން ޑޭވިޑް ހުށަހެޅުއްވި ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ. މިދަނޑިވަޅުގައި އިސްތިއުފާ ދެއްވުމުން ކޮވިޑުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބުރުއަރާފާނެ ކަމަށް ޖަސިންދާ ވިދާޅުވިއެވެ. އަދި ޑޭވިޑްގައި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިންތި ދަށްކޮށް، އެސޯޝިއޭޓް ފައިނޭންސް މިނިސްޓަރުގެ މަގާމުވަނީ އަތުލައިފަ އެވެ.

އެހެންކަމުން މިހާރު އޭނާއަކީ ހަމައެކަނި ހެލްތު މިނިސްޓަރެވެ.

"އާންމު ހާލަތެއްނަމަ ވަޒީފާއިން ޑޭވިޑް ވަކިކުރީމުސް. އޭނާ ވަނީ ވަރަށް ބޮޑު އިހުމާލެއް ވެފައި. އެކަމަށް އެއްވެސް ބަހަނާއެއް ގަބޫލެއް ނުކުރެވޭނެ" ބޮޑު ވަޒީރު ޖަސިންދާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޑޭވިޑްގެ ފަރާތުން ނެރުނު ބަޔާނުގައި ވިދާޅުވީ އޭނާއަށް ކުރެއްވުނީ މޮޔަ ކަމެއް ކަމަށާއި ކުށަށް އިއުތިރާފުވެވަޑައިގަންނަވާ ކަމަށެވެ.