މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިލިއަނަކަށް އަރަމުންދާއިރު އޮސްޓްރޭލިއާއިން މިވަނީ އުފާވެރި ހަބަރެއް ދީފައެވެ.
އެގައުމުގެ ނެޝަނަލް ސައިންސް އެޖެންސީން ވަނީ މިހަފުތާ ތެރޭގައި ދެ ވެކްސިނެއް ޓެސްޓު ކުރަން ފަށާފައެވެ. މިއީ އާންމުކޮށް ދެއަހަރުން ވާނެ ކަމެއް ކަމުން އެހާ އަވަހަށް ވެކްސިނެއް ޓެސްޓު ކުރެވެން ފެށުން މިއީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެގައުމުން ވަނީ ފާހަގަ ކޮށްފައެވެ.
މި ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އިނޯވިއޯ ޕާމަސޫޓިކަލްސްއިން އުފައްދާފައިވާ ވެކްސިންތަކެއް ކަމަށް އެގައުމުން ބުނެއެވެ.
ވެކްސިންތައް ޓެސްޓު ކުރަނީ އިންސާނުން ބޭނުންކޮށްގެނެއް ނޫނެވެ. ޖަނަވާރެއް ކަމަށްވާ ފެރެޓްސް ގައެވެ. ފެރެޓްސް އަކީ ސާސް އާއި ކޮރޯނާވައިރަސްވެސް އިންސާނުންހެން ޖެހޭ ޖަނަވާރެކެވެ.
އޮސްޓްރޭލިއާއިން މި ކުރާ ޓެސްޓުގައި ބަލާނީ ވެކްސިން މަސައްކަތް ކުރޭތޯއާއި އިންސާނުންގެ ގައިގައި ބޭނުން ކުރަން ރައްކާތެރިތޯއެވެ.
މިދިޔަ މަހު އެމެރިކާގައިވެސް ވަނީ ވެކްސިން ޓެސްޓު ކޮށްފައެވެ. އެ ޓެސްޓު ކުރީ ސީދާ އިންސާނުންގެ ހަށިގަނޑުގައެވެ. އެނިމަލް ޓެސްޓިން ޕޭސް ވަނީ ދޫކޮށްލާފައެވެ.
އޮސްޓްރޭލިއާގެ ސައިންޓިސްޓުން ބީބީސީއަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ ހަދަމުން އަންނަ ޓެސްޓުތަކުގެ ނަތީޖާ ޖޫން މަހުގެ ކުރީކޮޅު ލިބޭނެ ކަމަށެވެ. ނަމަވެސް މިވެކްސިން ވެސް ބޭނުންކުރަން ލިބެން އަދި ވަގުތު ނަގާނެ ކަމަށެވެ.