ކޮވިޑް19 އެންމެ ބޮޑަށް މިވަގުތު ފެތުރިފައިވާ އެއް ގައުމު، އިޓަލީން އިއްޔެ އެކަނިވެސް 919 މީހުން މަރުވެއްޖެ ކަމަށް އެގައުމުން ބުނެފިއެވެ. މިއީ އެއްދުވަހެއްގައި މިހާތަނަށް މިހާ ބައިވަރު މީހުން މަރުވި ފުރަތަމަ ފަހަރެވެ.
އިއްޔެ އިޓަލީން މަރުވިމީހުން ހިމަނައިގެން މިހާރު އެގައުމުގައި މަރުވި މީހުންގެ މުޅި ޖުމުލަ އަކީ 9134 މީހުންނެވެ.
ބަލި ޖެހޭ މީހުން އިތުރުވެ މަރުވާ މީހުންވެސް ގިނަ ވުމާއެކު އިއްޔެ އެގައުމުގެ ސަރުކާރުންވަނީ ލޮކްޑައުން އޭޕްރިލް ތިނަކަށް އިތުރުކުރަން ޖެހިދާނެކަމަށް ބުނެފައެވެ.
އިޓަލީގައި ބައްޔަށް ޕޮޒިޓިވް 86500 މީހުން އެބަތިބިއެވެ.
އެގައުމަށް ދިމާވެފައިވާ ގޮންޖެހުމަކީ އެހާ ބައިވަރު މީހުންނަށް އެއްފަހަރާ ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތުމެވެ. ގައުމު އޮތީ އެކަހަލަ ވަބާއަކަށް ތައްޔާރުވެގެނެއް ނޫނެވެ.
އިޓަލީގެ ފަގީރު ހިސާބުތަކުން އަންނަނީ އެމީހުނަށް ބޭނުންވާ ވެންޓިލޭޓަރުތަކާއި އިކުއިޕްމަންޓްސް ނުލިބޭތީ ޝަކުވާ ކުރަމުންނެވެ.
މީގެ ކުރިން ދުނިޔޭގެ ސިއްހީ ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ފުރާނަތައް ސަލާމަތް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަރަށް ރައްކާތެރިކަމުގެ ސާމާނު ނުލިބުން ކަމަށް ބުނެފައެވެ.
އިޓަލީގެ ބޮޑުވަޒީރު ވަނީ މުޅި ޔޫރަޕް ރިސެޝަނަކަށް ދާނެކަމަށް ވިދާޅުވެފައެވެ. އަދި ވަނީ 25 ބިލިއަން ޔޫރޯގެ ސްޓިމިއުލަސް ޕެކޭޖެއް އިޓަލީ އެ ބަލިމަޑުކަމުން އަރައިގަތުމަށް އިއުލާނު ކުރައްވާފައެވެ.