ކޮވިޑް 19 އާ ގުޅިގެން ހުޅުމާލޭ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލެ އާއި ހުޅުމާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިއަދު ހުޅުމާލޭގައި ކުރިޔަށް ގެންދާ މަސައްކަތެކެވެ.
މި މަސައްކަތުގެ ދަށުން މިދިޔަ ހޯމަ ދުވަހު ވަނީ މުޅި މާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފަށައިފަ އެވެ.
އެގޮތުން މާލޭގެ ރިންގް ރޯޑު ވަށައި ކްލޮރިން ފެން ޖަހައި ސާފު ކުރުމާއި، ކުދި މަގުތަކާއި ގޯޅިތަކުން ޖަރާސީމު ފިލުވުމުގެ މަސައްކަތް ވެސް ބައުޒަރު ބޭނުންކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ އެކީ އެކައްޗަކަށް ސާފު ކުރާއިރު ދެކަމަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ. އެއީ މާލޭގެ މަގުތަކުން ޖަރާސީމު ފިލުވުމުގެ އިތުރުން މަގުތަކުގައި ހުންނަ ކުނިތަކާއި އެކި ސަރަހައްދުތަކަށް އެއްކޮށްފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މީހުންނަށް ގެއްލުން ލިބޭނެހެން ހުންނަ ޕެލެޓުތައްވެސް ނަގާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ހުޅުމާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތްވެސް މިއަދު ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ސާވިސްގެ ވެހިކަލްތައް ބޭނުން ކޮށްގެންނެވެ.
އެޗްޑީސީން ބުނެފައިވަނީ މަގުތަކުގެ އިތުރުން ބަސް ސްޓޮޕް ތަކާއި ފްލެޓްތައް ހިމެނޭ ސަރަހައްދު ތަކާއި، ކޮމާޝަލް ބްލޮކްތައް ހިމެނޭ ސަރަހައްދުތަކުންވެސް ޖަރާސީމު ފިލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނެފައިވަނީ މި މަސައްކަތް ދެދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.