މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 ގެ ބިރުވެރިކަން ނިއު ޒިލޭންޑަށްވެސް ކުރިމަތިވެ، އެގައުމުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާނުކޮށް ލޮކްޑައުނަކަށް ގޮސްފިއެވެ.
ނިއުޒިލެންޑުގައި އިއުލާނުކުރި ސްޓޭޓް އޮފް އިމަޖެންސީގައި ބުނަނީ މިރެއިން ފެށިގެން ހަމައެކަނި ޒަރޫރީ މަސައްކަތްތަކަށް ނުކުންނަ މީހުން ފިޔަވައި އެހެން އެންމެން ތިބެން ޖެހޭނީ ގޭގައި ކަމަށެވެ. ގޭގެ މީހަކާއެކު ބޭރަށް ދިޔަ ނަމަވެސް ދެ މީޓަރުގެ ދުރުމިން އެހެން މީހުންނާ ދެމެދު ބޭއްވުމަށްވެސް ވަނީ އަންގާފައެވެ.
ހަތަރު ހަފުތާއަށް އިއުލާނުކުރި މި ލޮކްޑައުންގައި ސްކޫލުތަކާއި އާންމު ތަންތަން ވަނީ ބަންދުކޮށްފައެވެ. ހުޅުވާފައި ބެހެއްޓެނީ ސުޕާމާކެޓުތަކާއި ފާމަސީތައް އެކަންޏެވެ. ނަމަވެސް އެތަންތަނަށް ވިޔަފާރި ކުރަންވެސް ވަދެވެނީ ބަހައްޓަން ޖެހޭ ދުރުމިން އެކަކު އަނެކަކާ ދެމެދު ބަހައްޓައިގެންނެވެ.
"އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު އަހަރުމެންނަށް ފުރުސަތު އެބަ އޮތް ޗެއިން ބްރޭކް ކޮށް މިކަމުން ސަލާމަތްވުމަށް. އިތުރު ފުރާނަތައް ސަލާމަތް ކުރުމަށް" ނިއު ޒިލޭންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާން ވިދާޅުވިއެވެ.
ނިއުޒިލެންޑުގައި މިހާތަނަށް ވަނީ 205 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ގިނަ މީހުންނަކީ ގައުމުން ބޭރުން އައި މީހުނެވެ.