މިންހާ ފާއިޒް ރަޝާދު
ވެކްސިން ދިން ޑޮކްޓަރު ޕޮޒިޓިވްވުމުން ޖަރުމަނުގެ ޗާންސެލާ އަންގެލާ މެރްކަލް އަމިއްލަފުޅަށް ގޭގައި ކަރަންޓީނުވެވަޑައިގެންފި އެވެ.
އެކަން އާންމުކުރެއްވީ އިއްޔެ އަންގެލާގެ ތަރުޖަމާނު ސްޓެފަން ސައިބާޓު ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ ހުކުރު ދުވަހު އަންގެލާ ވެކްސިނެއް ނަންގަވާފައިވާ ކަމަށެވެ. އަދި އެވެކްސިން ދިން ޑޮކްޓަރު ކޮވިޑް19 އަށް ޕޮޒިޓިވްވި ކަން އެނގިވަޑައިގަތުމުން އެކަމަނާ އަމިއްލަފުޅަށް ގޭގައި ކަރަންޓީނުވެ ވަޑައިގެންނެވީ ކަމަށެވެ.
ކޮވިޑް19 އަށް އަންގެލާ ޓެސްޓު ކުރާނެ ކަމަށާއި ވަކި އެއްޗެއް ބުނަން އަދި މާ އަވަސް ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ. އަންގެލާ މިދުވަސްކޮޅު ކުރައްވަންޖެހިވަޑައިގެންފައި ހުރި ހުރިހާ މަސައްކަތެއް ގޭގައި ކަރަންޓީނުވެވަޑައިގެން އިންނަވައިގެން ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އަންގެލާ ވަނީ އިއްޔެވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. އޭރު ޑޮކްޓަރު ޕޮޒިޓިވްވި ކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެ ބައްދަލުވުމުގައި އެކަމަނާ ވަނީ ޖަރުމަނު ލޮކްޑައުން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ވީހާވެސް ބޮޑަށް އެކަކު އަނެކަކާ ކޮންޓެކްޓް ވުން މަދުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެގައުމުގައި ދެމީހުނަށް ވުރެ ގިނަ މީހުން އެކުގައި އުޅުން މަނަލެވެ.
ޖަރުމަނުގައި އަދިވެސް ވަޒީފާތަކަށް މީހުން ދާއިރު ސްކޫލުތަކުގައި މުހިންމު ޓެސްޓުތައްވެސް ކުރިއަށް ދެއެވެ. ގެއިން ބޭރަށް ވެސް ދެވެއެވެ. ނަަމަވެސް ކޮންމެ ދެމީހެއްގެ ދެމެދުގައި ހަތަރު ފޫޓުގެ ދުރުމިން ހުންނަން ޖެހެއެވެ. ރެސްޓޯރަންޓުތައްވެސް އިންހައުސް ޑައިނިންއަށް ބަންދުކޮށްފައިވާއިރު ޓޭކްއަވޭ އަދި ޑެލިވަރީ ކުރެވެއެވެ.
ރެޔާއި ހަމައަށް ޖަރުމަނުގައި ކޮވިޑް19 އަށް 24852 މީހުން ޕޮޒިޓިވްވެފައިވާއިރު 94 މީހަކު ވަނީ މަރުވެފައެވެ. 266 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.