އިބްރާހިމް ޒަކީ
ބައެއް އިމްތިހާންތަކާއި ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ސައްހަނޫން މައުލޫމާތު ތަކެއް ފަތުރަމުންދާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލް ޗުއްޓީއަށް އެމިނިސްޓްރީން ބަދަލު ގެނަސްފައިވާކަމަށް ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދާ މައުލޫމާތަކީ ހަގީގަތެއްނެތް ދޮގު މައުލޫމާތުތަކެއްކަމަށެވެ. މުޅި ގައުމަށް ދިމާވެފައިވާ މިފަދަ ކާރިސާގެ ދަނޑިވަޅެއްގައި އެފަދަ ސައްހަނޫން މައުލޫމާތު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑް 19 އާ ގުޅިގެން، ރާއްޖޭގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްްކަލުގެ ހާލަތުގެދަށުން އަޅާފައިވާ ރައްްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރެއިން ފުރަތަމަ ފަހަރު އެއްހަފްތާއަށް ސްކޫލްތަކާއި ކޮލެޖްތައް ބަންދުކުރުމަށްފަހު، މިހާރު އަނެއްކާ ސްކޫލްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ވަނީ ނިންމައިފައެވެ.